Saturday, October 31
ޑރ. ރަމީލާ، ވަޒީރުކަމުގެ މަޤާމުން އިސްތިޢުފާދެއްވައިފި

ޑޮކްޓަރ ޢާއިޝަތު ރަމީލާ، މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރގެ މަޤާމުން އިސްތިޢުފާ ދެއްވައިފިއެވެ.

ރައީސް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި ޑރ. ރަމީލާ، މަޤާމުން އިސްތިޢުފާދެއްވީ، އެކަމަނާގެ ޞިއްޙީ ޙާލުކޮޅު ހުރިގޮތުންނެވެ. އަދި އެކަމަނާގެ އިސްތިޢުފާ ރައީސުލްޖުމްހޫރިއްޔާ ވަނީ ޤަބޫލުކުރައްވައިފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، އަލާސްކަންފުޅުގައި އުޅުއްވަމުންވެސް، މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރގެ ހައިސިއްޔަތުން  ޑރ. ރަމީލާ، ދިވެހިރާއްޖޭގެ ޤާނޫނީ ވެރިކަން ކުރިއަރުވައި، އެންމެހައި ރައްޔިތުންނަށް ލާބައާއި ފާގަތިކަން ހޯދައިދެނިވިމަގުން، ދައުލަތުގެ ކަންތައްތައް ރަނގަޅަށް ހިންގުމުގައި އެހީތެރިވުމަށް، އެމަނިކުފާނަށް ދެއްވި އެއްބާރުލެއްވުމަށާއި، ތެދުވެރިކަމާއި ވިސްނުންތެރިކަމާއެކު، ސަރުކާރަށް ކޮށްދެއްވި އަގުހުރި ޚިދުމަތްތަކަށްޓަކައި ޝުކުރު ދަންނަވައިފައެވެ.

އަދި ޑރ. ރަމީލާ ފަދަ ހީވާގި އަމާނާތްތެރި ޤާބިލު ބޭފުޅަކު ވަޒީރުންގެ މަޖިލީހުގައި ހިމެނުމަކީ އެމަނިކުފާނަށް ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފަލެއް ކަމަށާއި، ކުރިއަށް އޮތް ތާނގައިވެސް އެކަމަނާގެ ޚިދުމަތް ދިވެހި ޤައުމަށް ލިބޭނެކަން ޔަޤީންކުރައްވާ ކަމުގައި ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ޑރ. ރަމީލާ ވަޒީރުކަމުގެ މަޤާމުން އިސްތިއުފާދެއްވާފައިވާއިރު، އެކަމަނާ ވަނީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވާކަން ހާމަކުރައްވައިފައެވެ.

1990 ވަނަ އަހަރު ނަރުހެއްގެ ގޮތުގައި ސަރުކާރުގެ ޚިދުމަތާ ގުޅިވަޑައިގަތް ޑރ. ރަމީލާ ވަނީ 2010 ވަނަ އަހަރު ސޯޝަލް ސައިންސްގެ ދާއިރާއިން މެލޭޝިއާގައި ޕީ.އެޗް.ޑީ ޙާޞިލުކުރައްވައިފައެވެ. އެކަމަނާ ވަނީ ކުރީގެ ރައީސް، ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމްގެ ވެރިކަމުގައި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަންވެސް އަދާކުރައްވައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު