އާދިއްތަ, November 1
ދިވެހީންގެ އަމިއްލަވަންތަކަމާއި ޤައުމިއްޔަތު ހިމާޔަތްކުރެއްވުމަށް ރައީސް ވަރަށް ބޮޑަށް ސަމާލުކަން ދެއްވާ: ނައިބު ރައީސް

ދިވެހީންގެ އަމިއްލަވަންތަކަމާއި ޤައުމިއްޔަތު ހިމާޔަތްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަރަށް ބޮޑަށް ސަމާލުކަން ދެއްވަވާކަމަށް ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ހެނދުނު ކުރިއަށްދިޔަ "ކަޅުއޮށްފުންމި - ދިވެހި ޤައުމިއްޔަތުގެ ދަރުބާރު" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހުރިއްޔާގެ ނައިބު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދިވެހީންގެ އަމިއްލަވަންތަކަމާއި ޤައުމިއްޔަތު ހިމާޔަތްކުރެއްވުމަށް ވަރަށް ބޮޑު ސަމާލުކަމެއް ދެއްވާ ކަމަށާއި، ތަޢުލީމީ މަންހަޖުގައި ޤައުމިއްޔަތު، ވަކި މާއްދާއެއްގެ ގޮތުގައި ހިމެނުއްވުމާއި، ދިވެހި ދިދައަށާ، ދިވެހީންގެ ޤައުމީ ސަލާމަށް ޚާއްޞަ އިސްކަމެއް، އެމަނިކުފާނު ދެއްވާކަން ފާހަގަކުރެއްވިއެވެ.

އެހެންކަމުން ދިވެހި ޤައުމިއްޔަތުގެ ކޮލެޖް ޤާއިމުކުރައްވައި، ޤައުމިއްޔަތުގެ އިސްވަރު އުފައްދަވައި، ޤައުމީ ކަންކަން އެންމެ އުހަށް ނަންގަވަން، ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން އެ ގެންދަވާ މަސައްކަތްޕުޅަށް އެންމެހާ ދިވެހީން އެއްބާރުލުންދެއްވުމަށް ނައިބު ރައީސް އެދިވަޑައިގެންނެވިއެވެ.

ނައިބު ރައީސް ވިދާޅުވީ "ކަޅުއޮށްފުންމި - ދިވެހި ޤައުމިއްޔަތުގެ ދަރުބާރު" އަކީ ދިވެހީންގެ ޤައުމިއްޔަތާ އަމިއްލަވަންތަކަން ރައްކާތެރިކުރުމަށާއި އެކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް ކުރިއަށް އެޅޭ ވަރަށް ހަރުދަނާ، އަދި އީޖާބީ ފިޔަވަޅެއް ކަމަށެވެ.

އަދި މިއަދު ފެށިގެންދިޔަ ދަރުބާރުގައި ދިވެހި ޤައުމިއްޔަތާ ގުޅުންހުރި، އަދި ދިވެހީންގެ އަމިއްލަވަންތަކަމާ ގުޅުންހުރި ވަރަށް މުހިންމު ދާއިރާތަކަކުން މަޢުލޫމާތު ހުށަހެޅި ޢިލްމީ މަޝްވަރާތަކެއް ކުރެވި އައު އީޖާދީ ވިސްނުންތަކެއް ލިބިގެންދާނެކަމަށް ޔަޤީންކުރައްވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ދިވެހީންނަކީ ވަރަށް ނަސީބުވެރި ބައެއްކަމަށާއި، ރާއްޖޭގެ ޤުދުރަތީ ރީތިކަމުގެ ވާހަކަ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަޝްހޫރުވެފައިވާކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ.

މިމޭރުމުން ވާހަކަފުޅު ކުރިއަށްގެންދަވަމުން، ދިވެހި ބަހުގެ ޗާލުކަމާ ރާއްޖޭގެ ޤައުމިއްޔަތުގެ ބަހާތަކަކީވެސް ރާއްޖެއަށް ލިބިފައިވާ އިތުރު ޒީނަތްތެރިކަމެއްގެ ގޮތުގައި ދުނިޔެއަށް ހާމަކޮށްދޭންޖެހޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ހަމައެއާއެކު ރާއްޖޭގެ އަމާންކަން، ދިވެހީންގެ އެކުވެރިކަން، ޚުލްގު ހެޔޮކަން މި ޤައުމަށް އަންނަ ކޮންމެ ފަތުރުވެރިއަކަށް ޢަމަލީގޮތުން ދެއްކުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ކަޅުއޮށްފުންމި ދަރުބާރަކީ ދިވެހީންގެ އެއްބައިވަންތަކަމާއި ދެމިތިބުމާމެދު ވިސްނައި، ފިކުރުކުރުމުގެ ބައްދަލުވުމެކެވެ. އަދި އެއީ ދިވެހިވަންތަކަމުގެ ބަހާތަކުގެ ފަންނީ، ޢިލްމީ ބައިވެރިންގެ މެދުގައި ގުޅުން ބަދަހިކޮށް އާލާކުރުމުގެ ހަފުލާއެކެވެ.

ދިވެހިވަންތަކުމުގެ ސިފަތައް ޢިލްމީ ނަޒަރުން މާނަކުރުމަށް ހިތްވަރުދީ، އެފަދަ މަސައްކަތްތައް އާންމުކުރުން، އަދި ދިވެހީންގެ ރަށްވެހިކަމާއި، ވަޒަންވެރިކަމާއި، ކަނޑުވެރިކަމަށް މަގުފަހިވާނޭ ވިސްނުމާއި ޢިލްމުތައް، ދިވެހިރާއްޖެއަށް ވެރިކުރުމަށް ހިތްވަރުދީ ކުރިއެރުވުން، މި ކޮންފަރެންސްގެ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނެއެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު