ރައްޔިތުންގެ މަޖިލީހުގެ އަމީންއާންމާއި، ކައުންސެލަރ ޖެނެރަލްއާއި، ސާޖަންޓް އެޓް އާމްސްގެ މަގާމަށް މިހާރު އެ މަގާމުތަކުގައި ތިއްބެވި ބޭފުޅުން އަލުން އައްޔަންކޮށްފިއެވެ.
މަޖިލީހުގެ ގަވާއިދުގެ 16 ވަނަ މާއްދާގައިވާ ގޮތުން އަލަށް އެކުލަވައިލާ ކޮންމެ މަޖިލީހެއް އިންތިޚާބުވެ، މަަސައްކަތް ފެށުމަށްފަހު މި ގަވާއިދަށް އަމަލުކުރަން ފެށުމަށްފަހު ހިނގާ ފުރަތަމަ ދެ ދައުރު ނިމުމުގެ ކުރިން މަޖިލީހުން އެހެން ގޮތަކަށް ކަނޑަނާޅާހައި ހިނދަކު މަޖިލީހުގެ އަމީންއާންމާއި، ކައުންސެލަރ ޖެނެރަލްއާއި، ސާޖަންޓް އެޓް އާމްސްގެ މަގާމަށް ބޭފުޅުން އައްޔަންކުރަންވާނެއެވެ.
ގަވާއިދުގައިވާ ގޮތުން އެ ތިން މަގާމަށް ބޭފުޅުން އައްޔަންކުރުމަށް އެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު އާންމުކޮށް ހުޅުވައިލަންވާނެއެވެ. އަދި އެއިން ކޮންމެ މަގާމަކަށް އައްޔަންކުރާނީ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގަންނަވާ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްވާ ބޭފުޅުންނެވެ.
މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ މިއަދު ވިދާޅުވީ މިހާރު ވެސް އެ ތިން މަގާމުތަކުގައި ތިއްބެވި ބޭފުޅުން އަލުން އެ މަގާމުތަކަށް އައްޔަންކުރައްވަން ނިންމީ 19 ވަނަ މަޖިލީހުގައި ވެސް އަމަލުކޮށްފައިވާ ފަަދައިން ކަމަށެވެ.
އަމީންއާންމުގެ މަގާމުގައި މިހާރު ހުންނެވީ ފާޠިމަތު ނިއުޝާއެވެ. ކައުންސެލަރ ޖެނެރަލްގެ މަގާމުގައި މިހާރު ހުންނެވީ ފާޠިމަތު ފިލްޒާއެވެ. އަދި ސާޖަންޓް އެޓް އާމްސްގެ މަގާމުގައި ހުންނެވީ ޠަލްހަތު ޙަސަންއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަމީންއާންމުގެ މަގާމަށް ނިއުޝާ އަލުން އައްޔަންކުރަން ފާސްވީ 79 މެންބަރުންގެ ވޯޓުންނެވެ.
ކައުންސެލަރ ޖެނެރަލްގެ މަގާމުގައި ހުންނެވި ފިލްޒާ އަލުން އެ މަގާމަށް އައްޔަންކުރަން ފެންނަ ކަމަށް 80 މެންބަރުން ވޯޓު ދެއްވިއިރު، ސާޖަންޓް އެޓް އާމްސްގެ މަގާމަށް ޠަލްހަތު އައްޔަންކުރަން ފެންނަ ކަމަށް ވެސް 80 މެންބަރުން ވޯޓު ދެއްވިއެވެ.
މި ލިޔުން ކިޔާލުމުން