ރޯދައަކީ އިސްލާމްދީނުގެ ފަސް ރުކުނުގެ ތެރެއިން ރުކުނެކެވެ. ރޯދައަށް ހުރުމުގެ ސަބަބުން ހަށިގަނޑަށް ލިބޭ ގިނަގުނަ ފައިދާތަކުގެ ތެރޭގައި ދިފާއީ ނިޒާމު ވަރުގަދަވެ، އައުވެގެން ދިއުން ހިމެނެއެވެ. މި ލިޔުމުގައި އަލިއަޅުވާލާނީ ރޯދައަށް ހުރުމުން ހަށިގަނޑުގެ ދިފާއީ ނިޒާމަށް އަންނަ ބަދަލުތަކާއި، އޭގެ ސަބަބުން ލިބޭ ފައިދާތަކުގެ މައްޗަށެވެ.
ރޯދައިގެ ސަބަބުން ލޭގެ ސެލްތަކަށް އަންނަ ބަދަލުތައް
ރޯދައަށް ހުރުމުގެ ސަބަބުން ލޭގައި ހިމެނޭ ކެވެނީގެ މާއްދާތަކާއި، ވިޓަމިންތަކާއި، މިނަރަލްތައް ވަގުތީގޮތުން މަދުވެއެވެ. މިކަމުގެ ސަބަބުން ލޭގެސެލްސްތަކުގެ ތެރެއިން ބަލި، ނިކަމެތި އަދި އުމުރުން ދުވަސްވީ ސެލްތައް މަރުވެއެވެ. މިއީ ހަށިގަނޑުގެ ދިފާއީ ނިޒާމު އައުކުރުމުގެ ޤުދުރަތީ ނިޒާމުގެ ފެށުމެވެ.
ވައިޓްބްލަޑްސެލްސްތަކުގެ މުހިންމުކަން
ވައިޓްބްލަޑްސެލްސްތަކަކީ ހަށިގަނޑުގެ ދިފާއީ ނިޒާމުގެ އެންމެ މުހިންމު އެއް ބައެވެ. މިއީ ޖަރާސީމާއި ވައިރަސްއާ ދެކޮޅަށް ހަނގުރާމަކުރާ މުހިންމު ބައެކެވެ. ރެޑްބްލަޑްސެލްސްތަކާ އަޅާބަލާއިރު ވައިޓްބްލަޑްސެލްސް މަރުވާ މިންވަރު މަދެވެ. ނަމަވެސް ދެރަ އަދި މުސްކުޅި ވައިޓްބްލަޑްސެލްސް މަރުވުމުން، އާ އަދި ފައްކާ ހުދުލޭ ހަތާތަކުގެ ލަޝްކަރެއް އުފެދެއެވެ.

ވަގުތީ ބަލިކަށިކަމާއި ދާއިމީ ފައިދާ
ރޯދަމަހުގެ ފުރަތަމަ ދުވަސްތަކުގައި ބައެއް މީހުންނަށް ފަސޭހައިން ބަލިޖެހޭ ސަބަބަކީ ވައިޓްބްލަޑްސެލްސް ތައް މަރުވާ ނިސްބަތް، އައު ހަތާތައް އުފެދޭ މިންވަރަށްވުރެ އަވަސްވުމެވެ. ނަމަވެސް މިއީ ވަގުތީ ހާލަތެކެވެ. މި ވަގުތީ ބަލިކަށިކަމަކީ ފަހުން ދިފާއީ ނިޒާމު އިތުރަށް ވަރުގަދަވުމަށް މަގުފަހިކޮށްދޭ ކަމެކެވެ.
ދިފާއީ ނިޒާމުގެ އައު ސެލްތައް
ރޯދައިގެ ސަބަބުން މަރުވާ ދެރަ އަދި މުސްކުޅި ވައިޓްބްލަޑްސެލްސް ތަކުގެ ބަދަލުގައި ހަށިގަނޑުން އައު، ތާޒާ ވައިޓްބްލަޑްސެލްސް ތަކެއް އުފައްދައެވެ. މި އައު ބްލަޑްސެލްސް ތަކަކީ ކުރީގެ ސެލްސް ތަކަށްވުރެ ހަރުދަނާ އަދި ބަލިތަކާ ދެކޮޅަށް ހަނގުރާމަކުރުމުގައި ފުރިހަމަ ބައެކެވެ.
ޖުމުލަ ގޮތެއްގައި ރޯދައަކީ ހަށިގަނޑުގެ ދިފާއީ ނިޒާމު އައުކޮށް، ހަރުދަނާކޮށްދޭ ކަމެކެވެ. ރޯދައިގެ ސަބަބުން ވަގުތީ ގޮތުން ކުޑަ ބަލިކަށިކަމެއް އައި ނަމަވެސް، އޭގެ ނަތީޖާއަކީ ވަރުގަދަ، އައު ދިފާއީ ނިޒާމެއް ޤާއިމުވެގެން ދިއުމެވެ. މިއީ ﷲ ސުބުޙާނަހޫ ވަތަޢާލާ ރޯދައިގައި ލައްވާފައިވާ ޙިކުމަތްތަކުގެ ތެރެއިން އެއް ޙިކުމަތެވެ.
މި ލިޔުން ކިޔާލުމުން