Saturday, November 14
2025: ދިރިއުޅުން ކާމިޔާބުކުރަން ކުރެވިދާނެ ބައެއް ކަންކަން

އައު އަހަރަކާއި ކުރިމަތިލާއިރު ކުރުމަށް ގަސްދުކުރާ ކަންކަންމުގެ ލިސްޓެއް ވަރަަށް ގިނަ މީހުން ތައްޔާރުކުއެވެ. ބައެއް ކަންކަން މުޅިން ހާސިލް ނުކުރެވުނު ނަމަވެސް ލިސްޓްގައި ލިޔާ ކަންކަން ހާސިލްކުރުމަށް ވަރަށް ގިނަ މީހުން އިސްކަންދެއެވެ.

2025 ވަނަ އަހަރާއި ކުރިމަތިލާއިރު ތިމާގެ އަމިއްލަ ނަފްސް ބިނާކުރުމަށް ބާރުއަޅާނެ ރިޒޮލިއުޝަން ތަކެއް ލިޔެ އެކަންކަން ހާސިލްކުރުމަށް ތިމާގެ ސަތޭކަ ޕަސެންޓް ދޭށެވެ. މި ކަންކަމަކީ ކުރެވިދާނެ އަދި އެއަށް މަސައކަތް ކުރެވޭނެ ކަންކަމަށް ހަދާށެވެ. ތިބާގެ އަމާޒަކީ މާލީ ތަނަވަސްކަން އިތުރުކުރުން، ޖިސްމާނީ ނުވަތަ ނަފްސާނީ ސިއްޙަތު ރަނގަޅުކުރުން ކަމުގައި ވިޔަސް، ނުވަތަ މީހުންނާއި އޮންނަ ގުޅުންތައް ރަނގަޅުކުރުން ކަމުގައި ވިޔަސް، މިފަދަ ކަންކަމުގެ ސަބަބުން މަޑުމަޑުން ތިމާގެ ދިރިއުޅުން ރަނގަޅު ގޮތަކަށް ބަދަލުކުރުމަށް އެހީތެރިވެދޭނެއެވެ.

ކަމެއް ހާސިލް ކުރުމަށް، ކަމެއް އަލަށް ފަށަން ދުވަހަކުވެސް ލަހެއް ނުވާނެއެވެ. ކަމެއް އަލުން ފެށުމަށް އެންމެ ރަނގަޅު ވަގުތަކީ އައު އަހަރެވެ. 2025 ވަނަ އަހަރަށް ކުރިމަތިލާއިރު ދިރިއުޅުން ކާމިޔާބުކުރަން ކުރެވިދާނެ ބައެއް ކަންކަން މި ލިޔުމުގައި ހިމަނާލާނަމެވެ.

ދީނީ ކަންކަމަށް ސަމާލުވުން

ދިރިއުޅުން ބާއްޖަވެރި ކުރުމަށް އެންމެ މުހިންމު ކަމަކީ ދީނީ ކަންކަމަށް ފަރުވާ ކުޑަނުކޮށް ހާއްސަ ސަމާލުކަމެއް ދިނުމެވެ. ވަގުތަށް ނަމާދުކޮށް ޤުރުއާން ކިޔަވައި ދުއާކުރުން އިތުރުކުރަންވާނެ އެވެ. ގިނަގިނައިން ޤުރުއާން ކިޔަވައި ޒިކުރު ކުރުމައި ވަގުތު ހޭދަކުރެވިދާނެ އެވެ. ދީނީ ކަންކަމަށް ސަމާލުވުމަކީ ނަފްސާނީ ދުޅަހެޔޮކަމަށް ވެސް މުހިންމު ފަރުވާ އެކެވެ.

ފޮތް ކިޔުން ނުވަތަ އަޑުއެހުން

މީހަކު ފޮތެއް ކިޔާލަނީ / ފޮޓޯ: ޕިންޓްރެސްޓް

އަންނަ އަހަރަކީ ގިނަ ގިނައިން ފޮތް ކިޔާނެ އަހަރެއް ކަމުގެ އަޒުމް ކަނޑައަޅާށެވެ. ފޮތް ކިޔުމުން ތިމާގެ މަޢުލޫމާތު މުއްސަނދިވެ ސިނކުޑި ތަނަވަސްވާނެ ކަމަށް އިލްމީ ދިރާސާތަކުން ދައްކައެވެ. ފޮތުގެ ބަދަލުގައި މިޒަމާނުގައި ފޮތް ތަކުގެ އޮޑިއޯވެސް ހުރެއެވެ. އެހެން ކަމުން ގޭގައި ކޮންމެވެސް މަސައްކަތެއް ކުރާއިރު އޮޑިއޯ ފޮތެއް އަޑުއެހުމަކީ ވެސް ރަނގަޅު ކަމެކެވެ. އަދި ފޮތް ކިޔުމުގެ އިތުރުން ތިމާ ސްކްރީނަށް ހޭދަކުރާ ވަގުތު މަދުކުރުންވެސް އަޒުމަކަށް ހަދާށެވެ.

ބަޖެޓް ހެދުން

ފޮޓޯ: ޕިންޓްރެސްޓް

ފަހަށް ރައްކާކުރުމުގެ ފޮނި ނަތީއްޖާ ފެންނާނީ ދިގުމުއްދަތެއްގައެވެ. ކޮންމެ މަހަކު މަދު ފައިސާ އެއް ރައްކާ ކުރެވުނަސް މިކަމަކީ ދިގު މުއްދަތުގައި އެކަމުގެ ފައިދާ ކުރާނެއެވެ. ތިމާ ކުރާ ހަރަދުތައް ޓްރެކްކޮށް، ބެލޭނެ އެޕްލިކޭޝަންތައް ވެސް މިހާރު ހުރެއެވެ. އެއީ ތިމާއަށް ނޭގިކުރެވޭ ބައެއް ޚަރަދުތައް ވެސް ސަމާލުކަމަށް ގެނެސް އެކަން އަންގައިދޭ ކަަމެކެވެ.

ކަސްރަތު ކުރުން

ފޮޓޯ: ޕިންޓްރެސްޓް

ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް ހެލިފެލިވެ ހުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ޞިއްޙީ މާހިރުން ލަފާދޭގޮތުގައި މަދުވެގެން ދުވާލަކު 30 މިނެޓް، ހަފްތާއަކު 5 ދުވަހު ކަސްރަތު ކުރަންވާނެއެވެ. އެއީ ދުވުން، ހިނގުން، ފެތުން ނުވަތަ ކުޅިވަރެއް ކުޅުނުކަމަށް ވިޔަސް އެންމެ ރަނގަޅެވެ. މުހިންމީ ޤަވާއިދުން ކަސްރަތު ކުރުމެވެ.

އައު ބަހެއް ދަސްކުރުން

ދެހާސް ފަންސަވީސް ވަނަ އަހަރާއި ކުރިމަތިލާއިރު އައު ބަހެއް ދަސްކުރަން އަޒުމް ކަނޑައަޅާށެވެ. އޮނަލއިން ކޯހެއް ނުވަތަ ކްލާހަށް ގޮސްގެންވެސް ކިޔެވިދާނެއެވެ. އެޕްލިކޭޝަނެއް ބޭނުންކޮށްގެންވެސް މިހާރު ވަރަށް ފަސޭހައިން ބަސް ދަސްކުރެވެއެވެ. އައު ބަހެއް ދަސްވެފައި ހުރުމަކީ ތިމާގެ ތޫނުފުލިކަން އިތުރުވުމުގެ އިތުރުން އެކި އެކި ޤައުމުތަކުގެ ސަޤާފަތާއި އާދަކާދަ ފަސޭހައިން ދަސްވާކަމެކެވެ. އަދި ރާއްޖެއިން ބޭރަށް ދަތުރުކުރުމުގައި ވަރަށް ގިނަ ފަސޭހަތައް ލިބިގެންދާނެ ކަމެކެވެ.

ނެޓްވޯކިންގ

އެކި އެކި ލޯކަލް ނެޓްވޯކިން އިވެންޓްތަކުގައި ބައިވެރިވުމަކީ ތިމާގެ ކެއރިއާރ އަށް ވެސް ވަރަށް މުހިންމު ކަމެކެވެ. ޕްރޮފެޝަނަލް ސަރކަލް ފުޅާކޮށް، އާ މީހުންނާއި  ގުޅުން ބަދަހިކޮށް ތަފާތު ކުރިމަގަށް މަގުފަހިވުމަށް ހުޅުވޭ މުހިންމު ދޮރެކެވެ. މިހާރު ހުރި ވަޒީފާ ގެ އިތުރަަށް ތިމާ  ޝައުޤުވެރިވާ އެހެން ދާއިރާއަކުން ކެރިއަރ ބިނާކުރުމުގެ ފުރުޞަތުވެސް މިފަދަ ކަންކަމުން ފަހިވެގެންދެއެވެ.

ވިޝަން ބޯޑް

ފޮޓޯ: ޕިންޓްރެސްޓް

ވިޝަން ބޮޑެއް ހެދުމުން އެ އަހަރެއްގައި ކުރުމަށް ރާވާފައިވާ ކަންކަން ފުރިހަމަކުރުމަށް މަގުފަހިވެގެންދާނެއެވެ. އެގޮތުން އަލަށް ދަތުރުކުރުމަށް ރާވާ މަންޒިލާއި ކުރާނެ ކަންތަކާއި، ކެރިއަރުގައި ހާސިލްކުރަން ބޭނުންވާ ކަންކަމާއި ކުރިއަށް ދެކޭ ހުފަފެންތަކުގެ ކަންކަން ހިމަނާށެވެ. އެގޮތުން އެފަދަ އުފާވެރިކަން ގެނެސްދޭ ފޮޓޯތައް ވެސް ބޮޑުގައި ހިމަނާށެވެ.

މި ފެށުނު 2025 ވަނަ އަހަރަކީ ކާމިޔާބު އަހަރަކަށް ހެދުމަށް ހެދުމަށް މިކަންކަން ކުރަންހިންގަމާ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު