ދަރިފުޅަށް ކާންދޭން ފަށާ ހިސާބުން ބެލެނިވެރިން އެކި ކަހަލަ ކަންބޮޑުވުންތަކާ ކުރިމަތިލާން ޖެހެއެވެ. ދަރިފުޅަށް އެކި ކަހަލަ ކާތަކެތި ތައްޔާރުކޮށްގެންވެސް ނުކެއުމާއި ދަރިފުޅުގެ އަނގަޔަށް ކާއެއްޗެހި ލައިގެން ނުހަފާ ގިނައިރު ހުރުމުން ކާންދޭން ގިނައިރު ނެގުން މިއީ އެންމެ ގިނަ ބެލެނިވެރިންގެ ކަންބޮޑުވުމެވެ. ދަރިފުޅުގެ ކެއުމުގެ ވައްޓަފާޅިއަށް މި ބަދަލު ގެނެސްގެން އަޖުމަ ބަލާލަމާ ހިނގާށެވެ.
ފުރަތަމަ ކަމަކަށް ދަރިފުޅަށް ކާންދޭން ވަކި ގަޑިތައެއް ކަނޑައަޅާށެވެ. ކާންދޭން ފެށުމުގެ އެއް ގަޑިއިރު ކުރިން ދަރިފުޅު ބަނޑުހައިކަން ގެއްލޭފަދަ އެއްވެސް ކާއެއްޗެން ނުވަތަ ބޯ އެއްޗެއް ނުދިނުން ރަނގަޅެވެ. ނޫންނަމަ ދަރިފުޅު ކާގަޑީގައި ބަޑު ފުރިފައި ހުރެއްޖެނަމަ ނުކާނެއެވެ.
ދަރިފުޅު ހަފައިގެން ކާއެއްޗެހި ނުކަނީ ހެއްޔެވެ. މިހެން މިކަން ވާން ދިމާވާ އެއްމެ ބޮޑު އެއް ސަބަބަކީ ދަރިފުޅު ތަންކޮޅެއް ޅައިރު ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ބްލެންކޮށްގެން ކާއެއްޗެހި ދިނުމެވެ. މިކަމުގެ ސަބަބުން ދަރިފުޅަށް ހަރު ކާނާ ހަފަން އުނދަގޫވެއެވެ. އެހެންކަމުން ދަރިފުޅު ބޭނުންވަނީ ކުރިއެކޭވެސް އެއްގޮތަށް އެއްޗެހި މަޑުކޮށްގެން ކާށެވެ.
މިކަން ހައްލު ކުރުމަށްޓަކައި ދަރިފުޅަށް އެއް އަހަރުވުމުން ކާންދޭއިރު ތަންކޮޅެއް ހަރުކޮށް ކާއެއްޗެހި ތައްޔާރުކުރަން ފެށުން ބުއްދިވެރިއެވެ. ދަރިފުޅުގެ ދަތް ފަޅަން ފެށުމުން ދަރިފުޅަށް ހަރު އެއްޗެހި ކެވޭނެއެވެ. އެ އުމުރުން ފެށިގެން ދަރިފުޅަށް މަޑުމަޑުން ހަރު އެއްޗެހި ދޭން ފަށާށެވެ. އެކަމުގެ ސަބަބުން ކުއްޖާއަށް ހަފައިގެން ކާން ދަސްވާނެއެވެ.
އަދި ދަރިފުޅު ގިނައިރު ކާއެތިކޮޅު އަނގަޔަށް ލައިގެން އިންނަ ކަމުގައި ވާނަމަ ކުޑަ އެތި އެތިކޮޅުން އަނގަޔަށް ލަވާށެވެ. މާގިނައިން އަނގަޔަށް ލަވައިފިނަމަ ހެފުމުގެ ބަދަލުގައި ކާއެތިކޮޅު ބޭރުކޮށްލުން ގާތެވެ.
މީގެ އިތުރުން ކާންދޭއިރު ދަރިފުޅުގެ ކެއުމުގެ ސަމާލުކަން ގެއްލޭފަދަ އެއްވެސް އެއްޗެއް ކައިރީގައި ނުބަހައްޓާށެވެ. މިސާލަކަށް ކުޅޭ އެއްޗެއް ފެންނަ ހިސާބުގައި އޮވެއްޖެނަމަ ކެއުމަށްވުރެ ކުޅުމުގެ ޝައުގުވެރިކަން ދަރިފުޅުގެ ބޮޑުވެދާނެއެވެ. އަދި ދަރިފުޅު ހިތްހަމަޖެއްސުމަށްޓަކައި ކާން ދޭއިރު ޓީވީ، އައިޕެޑް އަދި ފޯނު ދެއްކުން ރަނގަޅެއްނޫނެވެ. ޓީވީ ބަލަމުން ކާންދިނުމުގެ އާދަ ދަރިފުޅުގައިގާ ހަރުލައިފިނަމަ އެތަކެތި ނެތް ތަނެއްގައި ދަރިފުޅަށް ކާންދިނުން އެއީ ފަސޭހަ ކަމަކަށް ނުވެދާނެއެވެ.
ދަރިފުޅުގެ ފަހަތުން ކާންދިނުމުން ދުވުމަކީ ވެސް ގިނަ ބެލެނިވެރިން ކުރަމުން އަންނަ ކަމެކެވެ. މިއީ ވަރަށް ނުރަނގަޅު އާދައެކެވެ. އެންމެ ކުޑައިރުން ފެށިގެންވެސް ދަރިފުޅަށް ކާންދޭން އެންމެ ރަނގަޅީ ހައި ޗެއަރ އެއްގައި ބައިންދައިގެނެވެ. އަދި އެއަށްވުރެ ބޮޑުވުމުން ކާމޭޒު ކައިރީގައި ބޮޑެތި މީހުނާއެކު ބައިންދައިގެން ކާންދޭށޭވެ. ދަރިފުޅަށް ކާންދޭ ގަޑީގައި ކުއްޖާގެ މަންމަ އަދި ބައްޕަ ނުވަތަ ގޭގައި ދިރިއުޅޭ އެހެން މީހުން ދަރިފުޅު ކާގަޑީގައި ބައިވެރިވުން ރަނގަޅެވެ. މިކަމުގެ ސަބަބުން ދަރިފުޅަށް އުފާވެރިކަން ލިބި ހިތްހަމަޖެހިގެން ކެއުމުގެ ޝައުގުވެރިކަން އުފެދިގެންދާނެއެވެ.
މި ލިޔުން ކިޔާލުމުން