ވޯލްޑް ކަޕް ގްރޫޕް އީ ގައި ކިއުރަސާއޯ އިން އިކުއެޑޯއާ އެއްވަރުކޮށް، ވޯލްޑް ކަޕްގެ ތާރީޚުގައި އެ ގައުމުގެ ފުރަތަމަ ޕޮއިންޓް މިއަދު ހޯދައިފިއެވެ. އެމެރިކާގެ ކެންސަސް ސިޓީގައި ހުންނަ އެރޯހެޑް ސްޓޭޑިއަމްގައި ރާއްޖޭ ގަޑިން މިއަދު ހެނދުނު ކުޅުނު މި މެޗު އެއްވަރުވީ ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި 0-0 އިންނެވެ.
މިއީ ކިއުރަސާއޯގެ ތާރީހުގައި ދުނިޔޭގެ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތުގައި ހޯދި ފުރަތަމަ ޕޮއިންޓެވެ. މުބާރާތުގެ ގްރޫޕް ސްޓޭޖުން ކުރިއަށްދިއުމަށް މި ދެ ޓީމަށް ވެސް މި މެޗުން ތިން ޕޮއިންޓް ހޯދުން މަޖުބޫރުވެފައި އޮތް ނަމަވެސް، މެޗު ނިމުނީ ދެ ޓީމު ޕޮއިންޓަކުން އެއްވަރުވެގެންނެވެ.
މި މެޗުގައި އިކުއެޑޯއިން އުފެއްދި ނުރައްކާތެރި ހަމަލާތައް ހުއްޓުވުމުގައި ކިއުރެސާއޯގެ ގޯލްކީޕަރު އެލޯއީ ރޫމް ވަނީ އާދަޔާ ހިލާފު މޮޅު ކުޅުމެއް ދައްކާފައެވެ. އޭނާ ވަނީ އިކުއެޑޯގެ ގޯލަށް އަމާޒުވި ނުރައްކާތެރި 13 ހަމަލާއެއް ދިފާއުކޮށް، ކިއުރަސާއޯ އަށް ތާރީޚީ ޕޮއިންޓެއް ކަށަވަރުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.




