ކޮލަމްބޯ ޕޯޓުން ރާއްޖެއަށް ކޮންޓޭނަރު ގެނައުމަށް ދިމާވި ދަތިތައް މިހާރު އެއްކޮށް ހައްލުކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފިއެވެ. އެ ކުންފުނިން ހާމަކުރި ގޮތުގައި، މިއަހަރުގެ ކުރީކޮޅުން ފެށިގެން މާލޭ ވިޔަފާރި ބަނދަރަށް މުދާ ބޭލުމުގައި ދަތިތަކެއް ކުރިމަތިވީ ރާއްޖެއަށް މުދާ ހިފައިގެން އަންނަ ބޯޓުފަހަރުގެ އަދަދު އިތުރުވުމާ ގުޅިގެންނެވެ.
އެމްޕީއެލް އިން ބުނީ ބައެއް ބޯޓުފަހަރުން ކުރިން ގެންނަ އަދަދަށްވުރެ ގިނައިން ކޮންޓޭނަރު ގެންނަން ފެށުމުން، ބަނދަރުގައި މުދާ ބޭލުމަށް ހޭދަވާ ވަގުތު އިތުރުވެ، ޖާގައިގެ ދަތިކަން ކުރިމަތިވި ކަމަށެވެ. މީގެ ސަބަބުން އުފެދުނު ބޮޑު ޑިމާންޑާ އެއްވަރަށް ހިދުމަތް ދިނުމުގައި ވެސް ގޮންޖެހުންތަކެއް ހުރިކަން އެ ކުންފުނިން ފާހަގަކުރިއެވެ.
ނަމަވެސް، އެމްޕީއެލްގެ އޮޕަރޭޝަންސް ޓީމުތަކުން ކުރި މަސައްކަތުން، އޭޕްރީލް މަހުން ފެށިގެން ކޮލަމްބޯ ޕޯޓުގައި ނުގެނެވި ހުރި 4000 އަށްވުރެ ގިނަ ޓީއީޔޫ މިހާރު ވަނީ ރާއްޖެ ގެނެސްފައެވެ. އެ ކުންފުނިން ބުނި ގޮތުގައި މިހާރު މާލެއާއި ކޮލަމްބޯއާ ދެމެދު މުދާ އުފުލާ ބޯޓުފަހަރު ދަތުރުކުރަމުންދަނީ "ނޯމަލް ޝެޑިއުލް" ގެ ދަށުންނެވެ.
ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތް
ވިޔަފާރި ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން، އަންނަ އަހަރުގެ ނޮވެމްބަރު މަހަށް މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހި ޗައިނާގެ ސީއެޗްއީސީއާ ހަވާލުކޮށްފައިވާއިރު، 100 މީޓަރުގެ ކީވޯލާއި ޕޭވިން މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ.
އެމްޕީއެލްގެ އަމާޒަކީ ތިލަފުށީގައި ތަރައްގީކުރާ ސަރަހައްދުގެ މަސައްކަތް މިއަހަރުގެ އޮކްޓޫބަރު މަހަށް ނިންމުމެވެ. އެ މަސައްކަތް ނިމުމުން އެ ސަރަހައްދުގައި ކަނޑުމަގުން މުދާ ކްލިއާކުރުމުގެ ހިދުމަތް ދޭން ފަށާނެއެވެ. އަދި މުޅި މަޝްރޫއު ނިމުމުން، އެ ސަރަހައްދު ބޭނުންކުރާނީ އެމްޕީއެލްގެ އުޅަނދުތަކަށް ހާއްސަ "ސަވިސް ކީ" އެއްގެ ގޮތުގައެވެ.
ތިލަފުށިން ހޯދާފައިވާ 20 ހެކްޓަރުގެ ބިމުގައި ހިންގާ މި މަޝްރޫއުގެ ފުރަތަމަ ފޭސް ނިމުމުން، މުދާ ހުސްކުރުމުގެ ދުވެލި ވަރަށް ބޮޑަށް އަވަސްވާނެއެވެ. މިހާރު ބޯޓެއް ހުސްކުރަން 5 ނުވަތަ 6 ދުވަސް ހޭދަވި ނަމަވެސް، އާ ބަނދަރާއެކު އެ މަސައްކަތް 48 ގަޑިއިރުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އެމްޕީއެލް އިން ލަފާކުރެއެވެ.




