ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ ލަޤަބު ދަމަހައްޓަމުން އަންނަ އެމެރިކާގެ މަހުޖަނު އިލާން މަސްކްގެ މިލްކިއްޔާތު 600 ބިލިއަން ޑޮލަރަށް (ގާތްގަނޑަކަށް 9.2 ޓްރިލިއަން ދިވެހި ރުފިޔާ) އަރައިފި އެވެ. މި އަދަދާއެކު، އިންސާނީ ތާރީޚުގައި އެންމެ މުއްސަނދި މީހާގެ ލަޤަބު މިހާރު ވަނީ މަސްކް ހޯދާފަ އެވެ.
މަސްކަކީ ކުރިންވެސް ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަޤާމުގައި ހުރި ފަރާތެއް ނަމަވެސް، މި އަދަދަކީ ވަރަށް ގިނަ ޤައުމުތަކުގެ ޖީޑީޕީއަށްވުރެވެސް ބޮޑު އަދަދެކެވެ.
މިލްކިއްޔާތު މިހާ ބޮޑުތަނުން އިތުރުވުމުގެ މައިގަނޑު ސަބަބަކީ މަސްކްގެ ކުންފުނި، ސްޕޭސް އެކްސްގެ އަގު ބޮޑުވުމެވެ. މި މަހު ކުރީކޮޅު ހެދުނު ޑީލެއްގެ ސަބަބުން ސްޕޭސް އެކްސްގެ އަގު 800 ބިލިއަން ޑޮލަރަށް އެރި އެވެ.
ފޯބްސް އިން ހާމަކޮށްފައިވާ ގޮތުގައި، މި ޑީލުގެ ސަބަބުން އެކަނިވެސް މަސްކްގެ މިލްކިއްޔާތަށް 160 ބިލިއަން ޑޮލަރު އިތުރުވެފައިވެ އެވެ. ސްޕޭސް އެކްސްގައި އިލާން މަސްކްގެ 42 އިންސައްތަ ހިއްސާ އޮވެ އެވެ. މަސްކްގެ މިލްކިއްޔާތު މިހާ ބޮޑުވުމުގެ ސަބަބުން، ދުނިޔޭގެ ދެން ތިބި ބިލިއަނަރުންނާއި މަސްކްގެ މިލްކިއްޔާތާ ދެމެދު ހުރި ފަރަގު ވަނީ ވަރަށް ބޮޑުވެފަ އެވެ.
މަސްކްގެ މިލްކިއްޔާތުގެ ބޮޑު ބައެއް ހިއްސާކުރާ ސްޕޭސް އެކްސް އިން ދަނީ ޕަބްލިކް ލިސްޓިންގ އަށް ތައްޔާރުވަމުންނެވެ.
މަޝްހޫރު ޓެސްލާ ކުންފުނީގެ ފައުންޑަރ ވެސް ކަމަށްވާ މަސްކްގެ ސްޕޭސް އެކްސް އަންނަ އަހަރު ކުރީކޮޅު އެމެރިކާގެ އައިޕީއޯ (އިނިޝިއަލް ޕަބްލިކް އޮފަރިންގ) ގައި ލިސްޓް ކުރެވޭނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި، ސްޕޭސް އެކްސް ލިސްޓްވުމަށްފަހު އެ ކުންފުނީގެ އަގު 1 ޓްރިލިއަން ޑޮލަރަށްވުރެވެސް މައްޗަށް އަރައިގެންދާނެ އެވެ. އެހެންކަމުން، މަސްކްގެ މިލްކިއްޔާތު ކުރިއަށް އޮތްތަނުގައި އިތުރަށް ބޮޑުވެގެން ދިއުމުގެ ފުރުސަތު ބޮޑުކަމަށް ފާހަގަކުރެވެ އެވެ





