ކޮންމެ އަހަރެއްގެ ނޮވެމްބަރު 3 ވަނަ ދުވަހާއި ދިވެހި ގައުމު ބައްދަލުކުރަނީ ފަޚުރުވެރި ކާމިޔާބީއެއް މާޒީގައި ލިބުނު ދުވަހެއްގެ ގޮތުގައެވެ. އެ ދުވަހަށް އެ ޝަރަފުވެރިކަން ދީގެންނެވެ. މިއަދަކީ ދިވެހީންގެ ހިތްވަރާއި އަޒުމުގެ ވަރުގަދަކަން ބުނެދެމުން ދެމިގެންދާ ހަނދާންތަކެއްގެ ގޮތުގައި ކަލަންޑަރުގައި ލިޔެފައިވާ ފަހުރުވެރި ނަސްރުގެ ދުވަހެވެ.
ކޮންމެ އަހަރަކު މިދުވަހު ސިފައިންގެ ހެވިކަމުގެ ހަރަކާތްތަކުން ރަށުތެރެ ގުގުމާލާއިރު ދިވެހި ރައްޔިތުން ދަނީ 1988 ވަނަ އަހަރުގެ ނާކާމިޔާބު ބަޣާވާތުގައި ގުރުބާންވި އަބްތާލުންގެ ޒިކުރާ މި ދުވަހު އާކުރަމުންނެވެ. މިއީ ދިވެހި ޤައުމުގެ މިނިވަންކަމާއި ސަލާމަތަށްޓަކައި ޤުރުބާންވި ހިތްވަރުގަދަ ދިވެހި ދަރިންގެ ހަނދާންތައް އާކުރާ ދުވަހެކެވެ.
03 ނޮވެމްބަރ 1988 ގެ ފަތިހު ދިވެހިރާއްޖެއަށް ހިޔާނާތްތެރިވި ޚާއިނުންތަކެއް ވަނީ އަވަށްޓެރި ޝްރީލަންކާގެ ތަމަޅަ ބާޣީ ގުރޫޕެއް ގެ އެހީގައި ރާއްޖެއަށް ހަމަލާދީ ދިވެހިރާއްޖޭގެ އަމަން އަމާންކަން ނިގުޅައިގަންނަން މަސައްކަތްކޮށްފައެވެ. މި ނުރައްކާތެރި ހަމަލާގައި ދިވެހީންތަކެއް އަތުލައިގަނެ ރަހީނުކުރިއެވެ. މާލޭގެ މަގުތަކުގައި ހަމަނުޖެހުން އުފައްދައި، އާންމު ދިރިއުޅުން ހުއްޓި، ގައުމުގެ އަމަންއަމާންކަން ނަގާލިއެވެ. މި ހަމަލާއަކީ ދިވެހި ތާރީޚުގައި ދިވެހިރާއްޖޭގެ މިނިވަންކަމަށް ދެވުނު އެންމެ ބޮޑު އެއް ހަމަލާއެވެ.
މި ހަމަލާގެ ތެރޭގައި މި ގައުމު ދިފާއުކުރުމަށްޓަކައި ސިފައިން ވަނީ ފަސްޖެހުމެއްނެތި ހިތްވަރާއެކު ބާޣީންނާ ދެކޮޅަށް ޖިހާދުކޮށްފައެވެ. ދިވެހި ސިފައިން ވަނީ ބަރު ހަތިޔާރުތަކާއެކު ތިބި ބާޣީންނާ ދެކޮޅަށް ހިތްވަރުގަދަ ރައްދު ހަމަލާތަކެއް ދީފައެވެ. އެމީހުންގެ އަމާޒަކަށްވީ ޤައުމުގެ މިނިވަންކަން ދިފާޢުކުރުމާއި، ރައްޔިތުންގެ ސަލާމަތް ކަށަވަރުކުރުންކަން ގައިމެވެ. މި ޖިހާދުގައި 08 ސިފައިންނާއި 11 ދިވެހި ރައްޔިތުން ވަނީ ޝަހީދުވެފައެވެ. މި ޝަހީދުންގެ ޤުރުބާނީ އަކީ ދިވެހި ތާރީޚުގެ ރަން ސަފްޙާތަކުގައި ފާހަގަކުރެވޭނެ، ޤައުމީ ލޯތްބާއި ވަފާތެރިކަމުގެ އެންމެ ރީތި މިސާލެވެ. އެމީހުންގެ ހިތްވަރާއި ޢަޒުމުގެ ސަބަބުން މިއަދު އަޅުގަނޑުމެންނަށް މިނިވަންކަމުގެ ނޭވާ ލެވޭކަން ހަނދާންކުރުން މުހިންމެވެ.
ބާޣީންގެ ހަމަލާ ދިވެހިރާއްޖެއަށް އަމާޒުވުމުން އެކުވެރި ދައުލަތްތަކުގެ އެހީތެރިކަން ލިބުނުކަން ފާހަގަކުރެވެއެވެ. އޭރުގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ އެދިލެއްވުމުގެ މަތިން، އިންޑިއާ ސަރުކާރުން ވަނީ އަވަސް އަދި ބާރުގަދަ އަސްކަރީ އެހީތެރިކަމެއް ފޯރުކޮށްދީފައެވެ. އިންޑިއާގެ ސިފައިންގެ އޮޕަރޭޝަން ކެކްޓަސް ގެ ދަށުން، މާލެއަށް ފޮނުވި ސިފައިންގެ ޓީމުން ގައުމުގެ ހާލަތު ހަމައަކަށް އެޅުވުމަށް އެހީތެރިވެދިނެވެ. ދިވެހި ސިފައިންގެ ހިތްވަރާއި ، ބޭރުގެ މި އެހީތެރިކަމުގެ ސަބަބުން ދިވެހިރާއްޖޭގެ ސިޔާދަތު ރައްކާތެރިކުރެވި، ބަޣާވާތް ނާކާމިޔާބުކުރެވުނެވެ. މިކަމުން ދައްކުވައިދެނީ ބައިނަލްއަޤްވާމީ ގުޅުންތަކުގެ މުހިންމުކަމާއި، މިފަދަ ނާޒުކު ހާލަތްތަކުގައި އެކުވެރި ޤައުމުތަކުގެ އެހީތެރިކަމުގެ އަގުބޮޑުކަމެވެ.
ނަސްރުގެ ދުވަހަކީ ހަމައެކަނި ބަޣާވާތެއް ނާކާމިޔާބުވުމުގެ ހަނދާން އާކުރާ ދުވަހެއް ނޫނެވެ. އެއީ ދިވެހި ޤައުމުގެ އެއްބައިވަންތަކަމާއި، ޤައުމީ ރޫޙުގެ ބާރު ދައްކުވައިދޭ ދުވަހެކެވެ. މި ދުވަހުން ދިވެހިންނަށް ލިބިދޭ އެންމެ ބޮޑު ފިލާވަޅަކީ، ޤައުމީ ސަލާމަތަށް ނުރައްކާވާ ކޮންމެ ހާލަތެއްގައި ވެސް، ދިވެހި ރައްޔިތުން އެކަތިގަނޑެއްގެ ގޮތުގައި ތެދުވެ، ޤައުމު ދިފާޢުކުރުމަށް އަޒުމު ކަނޑައެޅުމުގެ މުހިންމުކަމެވެ. ޝަހީދުންގެ ޤުރުބާނީގެ ހަނދާންތައް އާކުރުމަކީ، އަޅުގަނޑުމެންގެ ޒުވާން ޖީލަށް ޤައުމީ ލޯތްބާއި، ވާޖިބު އަދާކުރުމުގެ ރޫޙު އާލާކޮށްދޭ ކަމެކެވެ.
ނަސްރުގެ ދުވަހަކީ މާޒީގެ ކެރޭކަމާއި، ޤުރުބާނީގެ ރޫޙު އަޅުގަނޑުމެންގެ ހިތްތަކުގައި އަލިކޮށްދޭ ދުވަހެކެވެ. 1988 ވަނަ އަހަރުގެ ނޮވެމްބަރު 3 ވަނަ ދުވަހުގެ ހާދިސާއިން ދިވެހިންނަށް ދަސްކޮށްދިނީ، ޤައުމީ މިނިވަންކަމާއި ސިޔާދަތަކީ ފަސޭހައިން ލިބޭ އެއްޗެއް ނޫން ކަމެވެ. އެއީ އަބަދުވެސް ރައްކާތެރިކޮށް ދިފާޢުކުރަންޖެހޭ އަގުހުރި ނިޢުމަތެކެވެ. ޤައުމުގެ ދިފާޢުގައި ޝަހީދުވި ހިތްވަރުގަދަ ދިވެހި ދަރިންނަށް އިޙްތިރާމް ކުރުމަކީ، އަޅުގަނޑުމެންގެ ވާޖިބެކެވެ. މި ދުވަސް ފާހަގަކުރަމުންދާއިރު، ދިވެހި ޤައުމުގެ މިނިވަންކަމާއި ސަލާމަތް ދެމެހެއްޓުމަށް އަޅުގަނޑުމެންގެ ޢަޒުމު އާކުރަމާތޯއެވެ.




