ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް 2024 ވަނަ އަހަރު ސާފު ދައިރާގެ ގޮތުގައި 2.1 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ބޭންކުން ހާމަކޮށްފިއެވެ.
ބީއެމްއެލް އިން ހާމަކުރި ގޮތުގައި މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ބޭންކަށް ސާފު ފައިދާގެ ގޮތުގައި 725 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ ތިންވަނަ ކުއާޓަރާ އަޅާބަލާއިރު %47 އިތުރު އަދަދެކެވެ. ބޭންކުން ބުނީ ސާފު ފައިދާ އިތުރުވީ ޕްރޮވިޜަންގެ ގޮތުގައި ބެހެއްޓިފައިވާ ނިސްބަތުން ބޮޑު އަދަދެއް ލިބުމުންނެވެ.
މީގެ އިތުރުން މިދިޔަ އަހަރުގެ ހަތަރު ވަނަ ކުއާޓަރުގެ ހިންގުމުގެ ފައިދާގެ ގޮތުގައި ބޭންކުން 685 މިލިއަން ރުފިޔާ ހޯދާފައިވާއިރު، މުޅި އަހަރަށް ބަލާއިރު ސާފު ފައިދާގެ ގޮތުގައި 2.1 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. ބީއެމްއެލް އިން ހާމަކުރި ގޮތުގައި މިއީ 2023 ވަނަ އަހަރާ އަޅާބަލާއިރު %4 ގެ ކުރިއެރުމެކެވެ. އަދި ޖުމްލަ އެސެޓް ވަނީ 2023 ވަނަ އަހަރަށްވުރެ 3 ބިލިއަން ރުފިޔާ އިތުރުވެފައެވެ.
ބީއެމްއެލް ބުނީ ބޭންކުން ދޫކުރަމުންދާ ލޯނުގެ ފެންވަރު ރަނގަޅުވެފައިވާއިރު، މިދިޔަ އަހަރު އާންމު ފަރުދުންނާއި ވިޔަފާރިތަކަށް 5.2 ބިލިއަން ރުފިޔާގެ އައު ލޯނު ދޫކޮށްފައިވާ ކަމަށާއި، ބޭންކުގެ ރައުސުލްމާލާއި ލިކުއިޑިޓީ ރޭޝިއޯ ގާނޫނު ލާޒިމްކުރާ މިންވަރަށްވުރެ މަތީގައި ދެމެހެއްޓިފައިވާ ކަމަށެވެ.
"ފާއިތުވި އަހަރު ބޭންކަށް އަގުހުރި މަސައްކަތްތަކެއް ކޮށްދެއްވި މުވައްޒަފުންނަށް ވަރަށް ހާއްސަ ޝުކުރެއް އަދާކުރަން. 2024 ވަނަ އަހަރު ލިބުނު ހަރުދަނާ މާލީ ނަތީޖާއިން ބޭންކުގެ ކުރިއެރުން ދައްކުވައިދޭއިރު، މުޖުތަމައަށް ޚިދުމަތްކުރުމަށް ބޭންކުން ދޭ އަހުމިއްޔަތުކަން ހާމަވެގެންދޭ. 2025 އަހަރު ބޭންކުން މަސައްކަތް ކުރާނީ މި ލިބުނު ނަތީޖާއާއެކު އިތުރު ކާމިޔާބީ ހޯދޭނެކަމުގެ ޔަގީންކަމާއެކު. އަދި ދިވެހި ރައްޔިތުންނަށް ފާގަތި މުސްތަގުބަލެއް ހޯދައިދީ، ކަސްޓަމަރުން ބޭނުންވާފަދަ ހެޔޮ ބަދަލެއް ހޯދައިދިނުމުގެ އަޒުމާއެކު"
- މުޙައްމަދު ޝަރީފް، ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ -
މިދިޔަ ކުއާޓަރުގައި ބީއެމްއެލް އިން ވަނީ މި އަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމަށް "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫޢު އިއުލާންކޮށްފައެވެ. އަދި ޖަމުޢިއްޔާތައް ބާރުވެރިކުރުވައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދެމެހެއްޓެނިވި ތަރައްގީގެ މަޝްރޫޢުތައް ހިންގުމަށް "ބޭންކް ފަންޑް" ލިބޭ 5 ފަރާތެއް ހޮވާފައިވެއެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 39 ބްރާންޗް، 95 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 150 އޭޓީއެމް، އޭޖެންޓު ބޭންކިންގ ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބީއެމްއެލްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމަޢުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ބޭންކުން ބުނެއެވެ.
މި ލިޔުން ކިޔާލުމުން