އިންޑިއާގެ ހޮސްޕިޓަލެއްގެ ނިއޯނޭޓަލް ޔުނިޓްގައި އަލިފާނުގެ ހާދިސާއެއް ހިނގައި އަލަށް އުފަންވި 10 ކުދިން މަރުވެ، 17 ކުއްޖަކު ޒަޚަމްވެއްޖެ އެވެ.
ހުކުރު ދުވަހުގެ ރޭ އަލިފާނުގެ ހާދިސާ ހިނގީ ވެރިރަށް ނިއު ދިއްލީގެ ދެކުނުން ގާތްގަނޑަކަށް 450 ކިލޯމީޓަރު ދުރުގައި އޮންނަ ޖާންސީގެ މަހާރާނީ ލަކްޝްމީބާއީ މެޑިކަލް ކޮލެޖުގަ އެވެ.
އުއްތަރު ޕްރަދޭޝް ސްޓޭޓްގެ ޑެޕިއުޓީ ޗީފް މިނިސްޓަރު ބްރަޖޭޝް ޕަތަކް ހޮނިހިރު ދުވަހު ވިދާޅުވީ އެ ހާދިސާ ހިނގި ވަގުތު ވޯޑުގައި 49 ތުއްތު ކުދިން ތިބިކަމާއި އެ ވޯޑުން 38 ކުދިން ވަނީ ސަލާމަތްކުރެވިފައި ކަމަށެވެ. އަދި މަރުވި ތުއްތު ކުދިންގެ ތެރެއިން ހަތް ކުދިން ދެނެގަނެވިފައިވާއިރު، ބާކީ ތިބި ތިން ކުދިން ދެނެގަތުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ޕަތަކް ވިދާޅުވި އެވެ.
ޕަތަކް ވިދާޅުވީ މިދިޔަ ފެބްރުއަރީ މަހު ހޮސްޕިޓަލުގެ ސޭފްޓީ އޮޑިޓެއް ހެދުމަށް ފަހު އޭގެ ތިން މަސް ފަހުން ފަޔާ ޑްރިލް އެއް ވެސް ބާއްވާފައިވާ ކަމަށެވެ.
އަދި މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ބަލާނެކަމާއި، އެއްވެސް މައްސަލައެއް ފެނިއްޖެ ނަމަ އެކަމެއްގައި ޒިންމާ ނަގަންޖެހޭ ބަޔަކާ މެދު ހަރުކަށި ފިޔަވަޅު އަޅާނެކަމަށްވެސް ޕަތަކް ވިދާޅުވި އެވެ
އުއްތަރަ ޕްރަދޭޝްގެ ޗީފް މިނިސްޓަރު ޔޯގީ އާދިތުޔަނާތު ވަނީ މަރުވި ކުދިންގެ އާއިލާތަކަށް 500،000 ރުޕީސް (5،900 ޑޮލަރު) ގެ ބަދަލެއް ދޭނެ ކަމަށް ވިދާޅުވެފަ އެވެ.
މިކަމާ ގުޅިގެން އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ވަނީ މަރުވި ތުއްތު ކުދިންގެ އާއިލާއަށް ހިތްވަރުދީ، ތައުޒިޔާގެ މެސެޖް ފޮނުވާފަ އެވެ.
މި ލިޔުން ކިޔާލުމުން