އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓަކީ ގައުމުގެ ފުދުންތެރިކަމާއި އުފެއްދުންތެރިކަން އިތުރުވެގެންދާނެ ވަރަށް ފުރިހަމަ އުއްމީދީ ބަޖެޓެއް ކަމަށް މަކުނުދޫ ދާއިރާގެ މެންބަރު އާދަމް ޝަފީޤު މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް ވާހަކަ ދައްކަވަމުން ޝަފީޤު ވިދާޅުވީ މި ބަޖެޓަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވައުދުތައް ފުއްދުމާއެކީ ރައްޔިތުންގެ ގެދޮރުވެރިކަން ފަހިކޮށްދިނުމަށް ވަރަށް ފުރިހަމައަށް ބަލައިލާފައިވާ ބަޖެޓެއް ކަމަށެވެ.
އެގޮތުން މި ބަޖެޓުގެ ތެރެއިން 4.9 ބިލިޔަންގެ ބޮޑެތި މަޝްރޫއުތައް ގެދޮރުވެރިކަމަށް ފަހިކޮށްދެވިގެންދާނެކަން އޭނާ ފާހަގަކުރެއްވިއެވެ.
އޭނާ ވިދާޅުވީ ދިވެހިރާއްޖޭގެ ބަޖެޓުތައް ހަދަމުން ގޮސްފައިވަނީ އާމްދަނީ އިތުރުކުރެވި އަދި ޓެކްސް ބޭސް ފުޅާކުރެވޭ ގޮތަކަށް ނޫން ކަމަށާއި، ނަމަވެސް މިއަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒުގެ ސަރުކާރުން ފުރަތަމަ ހުށަހެޅި ބަޖެޓުގައި ތައްޔާރުކުރެވިފައިވަނީ ވަރަށް ބޮޑަށް ގައުމުގެ ފުދުންތެރިކަމާއި އުފެއްދުންތެރިކަން އިތުރުވެގެންދާނެ ވަރަށް ފުރިހަމަ އުއްމީދީ ބަޖެޓެއްގެ ގޮތުގައި ކަމަށެވެ.
މިގޮތުން އިގުތިސާދު ރަނގަޅުކުރުމަށް ރާއްޖޭގެ އުތުރާއި ދެކުނުގައި ޓޫރިޒަމް ފުޅާކުރުމަށްޓަކައި ޚާއްސަ މަޝްރޫއުތަކެއް މި އަންނަ އަހަރު ފެށިގެންދާނެ ކަމަށާއި، ހަމައެއާއެކު ހަނިމާދޫ އެއާޕޯޓް އިންޓަރނޭޝަނަލް ކުރެވި އަދި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ އާ ޓަރމިނަލް ހުޅުވިގެންދިއުމާއެކު ރާއްޖެއަށް ލިބޭ އާމްދަނީ އެތައް ގުނައަކަށް އިތުރުވެގެންދާނެ ކަމަށް ޝަފީޤު ވިދާޅުވިއެވެ.
ޝަފީޤު ވިދާޅުވީ ބަޖެޓުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދަރަނިތަކުން ސަލާމަތްވެ އަމިއްލަ ފައިމައްޗަށް ތެދުވެވޭނެ ގޮތްތައް ވެސް ފަހިކޮށްދީފައި އެބަހުރި ކަމަށެވެ. އަދިި އަތޮޅުތެރޭގެ ފަރުދުންނަށް ގެދޮރުވެރިކަން ފަހިކޮށްދިނުމަށް ޓަކައި އެއްމިލިއަން ރުފިޔާގެ ލޯނު ލިބޭނެ ގޮތް ފަހިކޮށްދީފައިވާ ކަމަށާއި، އަރބަން ސެންޓަރުތަކުގައި ގެދޮރުވެރިކަމަށް %5 ގެ އިކުއިޓީގައި 3 މިލިއަން ރުފިޔާގެ ލޯނު ނެގޭނެ ގޮތް ހަމަޖައްސައިދީފައިވާ ކަމަށެވެ. އަދި މާލޭގެ ރައްޔިތުންނަށް ގެދޮރުވެރިކަމުގެ ފަހިކޮށްދިނުމަށްޓަކައި %10 އިކުއިޓީގައި 6 މިލިއަނާ ޖެހެންދެން ލޯނު ނެގޭނެ ފުރުސަތުތައް ފަހިކޮށްދީފައިވާ ކަމަށެވެ.
ޝަފީޤު ވިދާޅުވީ އޭނާއަށް އެންމެ އުފާވެރިކަން ގެނެސްދެނީ އޭނާގެ ދާއިރާގައި ފެށިފައިވާ މަޝްރޫއުތައް އެއްވެސް މަޑުޖެހުމެއްނެތި ކުރިއަށްދާނެކަމުގެ ޔަގީންކަން މި ބަޖެޓުން ފެނިގެންދާތީ ކަމަށެވެ.
މި ލިޔުން ކިޔާލުމުން