2025 ވަނައަހަރުގެ ބަޖެޓަކީ ސަރުކާރުގެ ވައުދުތަކާއި އެއްގޮތަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނަށް ހާސިލްކޮށްދެއްވަން ބޭނުންފުޅުވާ ކަންކަން ހާސިލްކޮއްދެއްވުމުގެ މަގުސަދުގައި އެކަށައެޅުނު ބަޖެޓެއް ކަމަށް އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ރޭ އެސްއެސްޓީވީގެ ބާރު ހަތަރެއް ޕްރޮގްރާމުގައި ބަޖެޓާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުންނެވެ.
ވަޒީރު ވިދާޅުވީ މި ބަޖެޓުން އެންމެ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކުރެވެނީ ދިވެހި ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވައުދު ފުއްދުމަށް ވަރަށް ބޮޑަށް ސަމާލުކަންދީގެން އެކަށައަޅާފައިވާ ބަޖެޓެއްކަމެވެ. އެގޮތުން ޕީއެސްއައިޕީގެ އާ ޕްޖެކްޓްތަކަށް ކަނޑައަޅާފައިވާ ބަޖެޓުގެ ދެބައިކުޅަ އެއްބައި ކަނޑައަޅާފައިވަނީ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ކަމަށް ވަޒީރު ވިދާޅުވިއެވެ. އޭގެއިތުރުން އިމާރާތް ކުރުމަށް ލޯނުގެ ގޮތުގައި ރައްޔިތުންނަށް ދޫކުރުމަށް 1 ބިލިއަން ރުފިޔާ ބަޖެޓުގައި ހަމަނާފައި ވާނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މިނިސްޓްރީގެ ފަރާތުން މިހާރު ކުރިއަށްގެންދާ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ބަޖެޓުގައި 4 ބިލިއަން ރުފިޔާ ހިމަނާފައިވާނެ ކަމަށާއި އަދި ބޭރުގެ އެކިއެކި ފަރާތްތަކުގެ އެހީއާއި އެއްކޮށް ކުރިއަށް ގެންދާ މަޝްރޫއުތަކަށް 5 ބިލިއަން ރުފިޔާ ހިމަނާފައި ވާއިރު އާ މަޝަރޫއުތައް ފެށުމަށްޓަކައި 3 ބިލިއަން ރުފިޔާ ހިމަނާފައި ވާނެކަމަށެވެ. އޭގެތެރެއިން 1.5 ބިލިއަށް ރުފިޔާ ޚާއްސަވެގެން ދާނީ ދިވެހި ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެކި މަޝްރޫއުތައް ފެށުމަށް ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު މުއްތަލިބް ވިދާޅުވީ މި އަހަރު ތެރޭ ނިންމުނު މަޝްރޫއުތައް ލިބިފައި ހުރި ބަޖެޓަށް ބަލާއިރު މަދު ނޫން ކަމަށެވެ. އޮގޮތުން މިހާތަނަށް 37 މަޝްރޫއެއް ނިމިފައި ވާ އިރު އިތުރު 20 މަޝްރޫއު މި މަހުގެ 17 ގެ ކުރިން ނިމޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ މިދިޔަ ސަރުކާރުން ވާރުތަވި މަޝްރޫއު ތަކުގެ އަދަދު 40 ބިލިއަން ރުފިޔާއަށް އަރާއިރު އެ މަޝްރޫއުތައް ހިންގުމަށް 2024 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނާފައި ވަނީ 3.6 ބިލިއަން ރުފިޔާ ކަމަށެވެ. އަދި މިނިސްޓްރީ އާއި ހަވާލުވިއިރު މިނިސްޓްރީގެ ޕެންޑިންގް ބިލްތަކުގެ އަދަދު 2 ބިލިއަން ރުފިޔާއަށް އަރާ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ ސަރުކާރުން ކުރިއަށްގެންދަނީ ދެ ވައްތަރެއްގެ މަޝްރޫއުތަކެއް ކަމަށާއި އެއީ ސަރުކާރަށް ސީދާކޮށް އިގްތިސާދީ ގޮތުން މަންފާ ލިބޭ މަޝްރޫތަކާއި އެ މަޝްރޫތަކުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމަށް ފަސޭހަވާ މަޝްރޫތައް ކަމަށެވެ. މިސާލެއްގެ ގޮތުން ސިނަމާލޭ ބްރިޖުގެ މަޝްރޫއަށް އިޝާރާތްކުރައްވާ ވަޒީރު ވިދާޅުވީ ބްރިޖުން މިވަގުތު ޓޯލް ނުނެގުމުގެ ސަބަބުން ސީދާ ދައުލަތަށް މަންފާއެއް ނުލިބުނެއްކަމަކު ބްރިޖު ހުޅުވިގެން ދިއުމާއެކު އިގްތިސާދީ ގޮތުން ހުޅުމާލެއަށް ބޮޑު ކުރިއެރުމެއް އައިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.
ވަޒީރު ވިދާޅުވީ ދައުލަތުގެ ޚަރަދުގައި ބިންހިއްކުމާއި، ބަނދަރު ހެދުމާއި އެ ނޫން ވެސް މަޝްރޫއުތައް ކުރިއަށް ގެންދާއިރު އެ މަޝްރޫއުތަކުން ރައްޔިތުންނަށް މަންފާ ލިބޭނެ ގޮތަށް ކަންކަން ކުރިއަށް ގެންދިއުމަށް ވިސްނަން ޖެހޭކަމަށެވެ. އެހެންކަމުން އެންމެ ސަމާލު ކަން ދޭކަމަކީ ރައްޔިތުންގެ ޖީބައް ފައިދާ ހުރި ކަންތައް ތަކެއް ކޮށްދިނުމާއި ރައްޔިތުންގެ ބޯހިޔާވަހި ކަމުގެ މައްސަލައަށް އަވަހަށް ހައްލެއް ހޯދާ ދިނުން ކަމަށެވެ.
މި ލިޔުން ކިޔާލުމުން