ޔުއެފާ ނޭޝަންސް ލީގުގައި ޒުބިމެންޑީގެ ލަނޑުން ސްޕެއިންއިން ޑެންމާކް ބަލިކޮށްފިއެވެ.
ރޭގައި ކުޅުނު ޔުއެފާ ނޭޝަންސް ލީގުގެ ގުރޫޕް ސްޓޭޖް މެޗުން ސްޕެއިން މޮޅުވީ ޑެންމާކާ ވާދަކޮށް 0-1 ގެ ނަތީޖާއަކުންނެވެ.
ސްޕެއިންގެ ނޫއެވާ ކޮންޑޮމިނާ ސްޓޭޑިއަމްގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށް ރަނގަޅަށް ކުޅެމުންދިޔައީ އެ ޓީމުންނެވެ. އެގޮތުން އެޓީމުން ވަނީ ޑެންމާކްގެ ގޯލަށް ނުރައްކާކޮށް ގިނަ ހަމަލާތައް އުފައްދާފައެވެ.
ފުރަތަމަ ހާފްގައި ދެ ޓީމުން ވެސް ލަނޑެއް ނުޖެހުނު މި މެޗުގައި ޑެންމާކުން ދިޔައީ ފަހު ވަގުތާއި ހަމައަށް ސްޕެއިން ހިފެހެއްޓޭތޯ މަސައްކަތް ކުރަމުންނެވެ. ނަމަވެސް ދެވަނަ ހާފްގައި ލަނޑު ޖަހާ ލީޑު ނެގީ ސްޕެއިނުންނެވެ. 79 ވަނަ މިނެޓުގައި މި ލަނޑު ކާމިޔާބު ކުރީ ޒުބިމެންޑީއެވެ. މި ލަނޑަށްފަހު ވެސް ސްޕެއިނުން ދިޔައީ ގިނަ ހަމަލާތައް އުފައްދަމުންނެވެ.
ސްޕެއިންގެ ފޯވާޑް ލާމިން ޔަމާލާއި މިޑްފީލްޑަރު ފަބިއަން ރޫއިޒް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާކަން ކާމިޔާބުކުރީ ފަބިއަން ރޫއިޒްއެވެ.
މި ނަތީޖާއާއެކު ސްޕެއިން އޮތީ ކުޅުނު ތިން މެޗުން ލިބުނު 7 ޕޮއިންޓާއެކު ލީގު އޭ ގްރޫޕް 4 ގެ ޕޮއިންޓް ތާވަލުގެ އެންމެ ކުރީގައެވެ. މެޗުން ބަލިވި ޑެންމާކް އޮތީ ކުޅުނު ތިން މެޗުން ލިބުނު ހަ ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ދެވަނައިގައެވެ.
މި ލިޔުން ކިޔާލުމުން