ސިޔާސީ ޕާޓީގެ ގާނޫނަށް ގެންނަން ފެންނަ އިސްލާހުތައް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެޓަރނީ ޖެނެރަލްގެ އޮފީހަށް މިއަދު ފޮނުވައިފިއެވެ.
މިކަން ހާމަކޮށް އީސީއިން ބުނީ އޭޖީ އޮފީހަށް ހުށަހެޅި އިސްލާހުތަކަކީ 2019 ވަނަ އަހަރުން ފެށިގެން ސިޔާސީ ޕާޓީތަކާއެކު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވި، ސިޔާސީ ޕާޓީތަކުން އެއްބަސްވެފައިވާ އިސްލާހުތަކެއް ކަމަށެވެ.
އީސީއިން ބުނީ މި އިސްލާހުތަކާބެހޭ ގޮތުން މަޝްވަރާ ކުރުމަށް ހުރިހާ ސިޔާސީ ޕާޓީތަކަށް ދައުވަތުދީގެން މިދިޔަ އޮކްޓޫބަރު 8 ވީ އަންގާރަ ދުވަހު އިތުރު ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ.
އެ ބައްދަލުވުމުގައި، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)، ޖުމްހޫރީ ޕާޓީ (ޖޭޕީ)، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)، މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)، ކޮމިޝަނުގެ ފަސް މެމްބަރުންނާއި ސެކްރެޓަރީ ޖެނެރަލްގެ އިތުރުން ގުޅުންހުރި ސެކްޝަންތަކުގެ ވެރިން ބައިވެރިވި ކަމަށް އީސީއިން ބުންޏެވެ.
އީސީއިން ބުނީ އެ ބައްދަލުވުމުގައި ސިޔާސީ ޕާޓީގެ ގާނޫނަށް ގެންނަ އިސްލާހުތަކަށް އިތުރަށް މަޝްވަރާކޮށް ހުށަހެޅުންތައް ހުށަހަޅާފައިވާ ކަމަށެވެ. އަދި ގާނޫނަށް ގެންނަން ހުށަހަޅާ އިސްލާހުތަކުގެ ސަބަބުން، ސިޔާސީ ޕާޓީތަކުގެ ދަފްތަރު ޒަމާނީ ޑިޖިޓަލް ނިޒާމަކަށް ބަދަލުކުރުމުގެ ފުރުސަތު ފަހިވެ، ސިޔާސީ ޕާޓީތަކުގެ ހިންގުން ހަރުދަނާވެ، އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އީސީއިން ބުންޏެވެ.
މި ލިޔުން ކިޔާލުމުން