ދިވެހިރާއްޖެއަށް އިސްލާމްދީނުގެ މަތިވެރި ހިދާޔަތު ލިބުނުތާ 900 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން އެކަމުގެ ގުނާނަ (ކައުންޓްޑައުން) ފަށަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
ޙަސަން ތާޖުއްދީނުގެ ތާރީޚުގައި ލިޔުއްވައިފައިވާ ގޮތުގައި ރާއްޖެ އިސްލާމްވީ ހިޖުރީ ސަނަތުން 548 ވަނަ އަހަރު ރަބީޢުލްއާޚިރު މަހުގެ 2 ވަނަ ދުވަހެވެ. އެއީ މީލާދީ ސަނަތުން 1153 ވަނަ އަހަރެވެ.
ރާއްޖޭގައި ރަސްމީ ގޮތުން މި ދުވަސް ފާހަގަކުރަނީ ޙަސަން ތާޖުއްދީނު ލިޔުއްވައިފައިވާ ގޮތަށް ރަބީޢުލްއާޚިރު މަހުގެ ދެވަނަ ދުވަހުއެވެ.
ޕީއެސްއެމްއިން ގެނެސްދިން ރާއްޖެ މިއަދުގެ ރޭގެ ޕްރޮގްރާމުގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވީ ރާއްޖެއަށް އިސްލާމްދީނުގެ މަތިވެރި ހިދާޔަތު ލިބުނުތާ 900 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން އެކަމުގެ ގުނާނަ ފަށަން ރައީސް ނިންމަވާފައިވާ ކަމަށެވެ.
ވަޒީރު ވިދާޅުވީ 2026 ވަނަ އަހަރު ހިޖުރީ ގޮތުން 1448 ވަނަ އަހަރާ ބައްދަލުކުރާއިރު، އެ އަހަރު ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރި އިސްލާމްކަމުގެ ސާސްކަފަކަށް ދިވެހި ތާރީޚު ދަތުރު ފަށާނެ ކަމަށެވެ.
އެހެންކަމުން މި ތާރީޚީ މުނާސަބަތު ފާހަގަކުރައްވަން ރައީސް ނިންމެވީ، މާތްވެގެންވާ އިސްލާމްދީނަކީ ދިވެހި ގއުމިއްޔަތުގެ ބިންގާ ކަމަށްވެފައި، އެ މާތް ދީނަކީ ދެ ދުނިޔޭގެ ބާއްޖަވެރިކަމުގެ ދީންކަމަށްވާތީ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެއިތުރުން ވަޒީރު ވިދާޅުވީ ދިވެހީން އެއް ރޫހެއްގައި ދަމަހައްޓައި ދިވެހި ދައުލަތުގެ ސަގާފީ ސިޔާދަތު ފުރިހަމަވުމުގައި މާތްވެގެންވާ އިސްލާމްދީނަކީ އެންމެ ޚާއްސަ އެއް ތަނބު ކަމަށެވެ.
ރާއްޖެ އިސްލާމްވީ ދުވަސް އެންމެ ފުރަތަމަ ފާހަގަކުރީ ހިޖުރައިނ 1374 ވަނަ އަހަރުގެ ރަބީޢުލްއާޚިރު މަހުގެ 2 ވަނަ ދުވަހުއެވެ. އެއީ މީލާދީން 1954 ވަނަ އަހަރުއެވެ. އޭރު ރަސްކަމުގައި އިންނެވީ އައްސުލްޠާން މުޙައްމަދު ފަރީދުލް އައްވަލްއެވެ.
އެއަށްފަހު ހިޖުރައިން 1388 ވަނަ އަހަރު ފެށިގެން މި ދުވަސް ފާހަގަކުރެއްވުން ހުއްޓާލުމަށްފަހު އަލުން ފާހަގަކުރަން ފެށީ 29 މުޙައްރަމް 1421 ވީ ބުރާސްފަތި ދުވަހު އޮތް ވަޒީރުންގެ މަޖިލީހުގެ ޖަލްސާއިންނެވެ. އެއީ ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ގައުމަކަށްވުމާއެކު، ދިވެހީންގެ ދީނީ އެއްބައިވަންތަކަން ބަދަހިކުރުމުގެ ދުވަހެއްގެ ގޮތުގައި މި ދުވަސް ފާހަގަކުރެއްވުމަށް ފެނިގެންނެވެ.
މި ލިޔުން ކިޔާލުމުން