ގްލޯބަލް ޑިވެލޮޕްމަންޓް އިނީޝިއޭޓިވް ގެ އަމާޒުތައް ޙާޞިލުކުރުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތްކަމަށާއި، ތަރައްޤީވަމުން އަންނަ ޤައުމުތަކަށް އެންމެން ޝާމިލްވާ، ދެމެހެއްޓެނިވި އަދި ވިލުންތެރި ކުރިމަގެއް ކަށަވަރުކުރުމަށްޓަކައި ޤައުމުތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުން މުހިންމުކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ނިއުޔޯކުގައި ކުރިއަށްދާ އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ބައްދަލުވުމުގެ ހަވާސާގައި، ޗައިނާއިން އިސްނަގައިގެން ބޭއްވި 'ހައިލެވެލް މީޓިންގ އޮން ދި ގްލޯބަލް ޑިވެލޮޕްމަންޓް އިނީޝިއޭޓިވް' ގައި ތަޤްރީރު ކުރައްވަމުންނެވެ.
ނައިބު ރައީސްގެ ތަޤްރީރުގައި، ޖީޑީއައި ފުޅާކުރުމަށް ޗައިނާއިން ކުރަމުންދާ މަސައްކަތްތަކަށާއި، ރާއްޖޭގެ ޤައުމީ ތަރައްޤީގައި ޗައިނާއިން އަދާކުރާ މުހިންމު ދައުރަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ދަރަނީގެ ދަންތުރައާއި މޫސުމީ ބަދަލުތަކުގެ ސަބަބުން ތަރައްޤީވަމުން އަންނަ ޖަޒީރާ ކުދި ޤައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވައި، ކޮޕް31 ގެ އަމާޒުތަކަށް ވާޞިލްވުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ދެމެހެއްޓެނިވި ތަރައްޤީއަށްޓަކައި ސައިންސާއި، ޓެކްނޮލޮޖީ އަދި އާޓިފިޝަލް އިންޓެލިޖެންސްގެ ބޭނުން ހިފުމާއި، މަޢުލޫމާތު ޙިއްސާކުރުމާއި ކެޕޭސިޓީ ތަރައްޤީކުރުމަށް ރާއްޖެއިން ތާޢީދުކުރާކަން ހާމަކުރެއްވިއެވެ. އެމަނިކުފާނު ތަޤްރީރު ނިންމަވާލެއްވީ، ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢު ގުޅިގެން މަސައްކަތްކުރުމަށް ގޮވާލައްވަމުންނެވެ.
މި ލިޔުން ކިޔާލުމުން



