ޤައުމީ ތަރައްޤީގެ މަޝްރޫޢުތައް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށްޓަކައި، 2040 ވަނަ އަހަރާ ހަމައަށް އެކުލަވާލާ 20 އަހަރުގެ މާސްޓަރޕްލޭން ޤާނޫނީގޮތުން ހިމާޔަތްކުރުމަށް ޚާއްޞަ ޤާނޫނެއް ޑްރާފްޓްކުރުމުގެ މަސައްކަތް ކުރައްވަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފިއެވެ. އެމަނިކުފާނު މިކަން ހާމަކުރެއްވީ ޕީ.އެސް.އެމް ނިއުސްގެ "ނޭޝަން ޗެޓް" ޕޮޑްކާސްޓްގައި މައުޟޫޢުތަކަށް އަލިއަޅުއްވާލައްވަމުންނެވެ.
ރައީސް ސިފަކުރެއްވި ގޮތުގައި، ސަރުކާރުތައް ބަދަލުވުމުން މަޝްރޫޢުތައް ހުއްޓި، ޤައުމުގެ މިސްރާބު ބަދަލުވުމުގެ ސަބަބުން ރައްޔިތުންނަށް ލިބެންޖެހޭ ފައިދާ ނުލިބި ބޮޑެތި ގެއްލުންތަކެއް ވަމުންދެއެވެ. އެހެންކަމުން، ސިޔާސީ އޮއިވަރުތަކުން އެ ޕްލޭން ސަލާމަތްކޮށް، ދުރުރާސްތާގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ޤާނޫނީ ރައްކާތެރިކަން މުހިންމެވެ. މީގެއިތުރުން، އދ. ގެ އާންމު މަޖިލީހުގައިވެސް މި މާސްޓަރޕްލޭނާ މެދު ވާހަކަފުޅު ދެއްކެވީ، ރާއްޖެއަކީ ކުޑަ ޤައުމަކަށް ވިޔަސް އަމިއްލަ ފައިމައްޗަށް ތެދުވާން މަސައްކަތްކުރާ ބަޔެއްކަން ދުނިޔެއަށް ހާމަކޮށްދެއްވުމަށެވެ.
އިޤްތިޞާދީ ޙާލަތަށް އަލިއަޅުއްވާލައްވަމުން، ބޭރު ފައިސާގެ ދަތިކަން ހައްލުކުރުމަށް މެލޭޝިއާގެ ސެންޓްރަލް ބޭންކާއެކު 100 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް އެގްރީމަންޓެއްގައި ސޮއިކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާކަން ރައީސް ފާހަގަކުރެއްވިއެވެ. މިއަހަރުގެ ފެބްރުއަރީގައި ރިޒާވް 1.2 ބިލިއަން ޑޮލަރަށް އަރާފައިވީ ނަމަވެސް، މެދުއިރުމަތީގެ ހަނގުރާމައާއި، ތެލުގެ އަގަށް އައި ބަދަލުތަކުގެ އިތުރުން ސުކޫކް ދެއްކުމުގެ ސަބަބުން ރިޒާވަށް އަސަރުކޮށްފައިވާކަމަށާއި، ކުރިއަށް އޮތް 6 މަސްދުވަހުގެ ތެރޭގައި އިޤްތިޞާދީ ހާލަތު ވަރަށް ބޮޑަށް ރަނގަޅުވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.
ރަސްމާލެ މަޝްރޫޢުގެ ބިން ހިއްކުމުގެ 60 އިންސައްތައަށްވުރެ ބޮޑުބައި ނިމިފައިވާއިރު، އެތަނުން ބޭރުގެ އިންވެސްޓަރުންނަށް ބިން ދޫކުރާނީ ހަމައެކަނި ކުއްޔަށް ކަމަށާއި، ބިން މިލްކު ނުކުރެވޭނެކަމަށް ރައީސް ކަށަވަރުކޮށްދެއްވިއެވެ. އަދި މި މަޝްރޫޢަށް ސޮވަރިން ގެރެންޓީއެއް ނުވަތަ ޓެކްސް އާއި ޑިއުޓީގެ ލުއިތަކެއް ނުދޭނެކަމަށާއި، ރައްޔިތުންނަށް ދީފައިވާ ގޯތިތަކަށް ބަދަލެއް ނާންނާނެކަމަށް ވިދާޅުވިއެވެ.
ވާހަކަފުޅު ނިންމަވާލައްވަމުން، މިދުވަސްވަރު އިމްތިޙާނުތައް ހަދަމުންދާ ދަރިވަރުން ކިޔެވުމާއި، ކުޅިވަރާއި، ދީނީ ކަންކަން އެއްހަމައެއްގައި ކުރިއަށް ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ ނަސޭޙަތްތެރިވެވަޑައިގެންނެވިއެވެ. ސަރުކާރުގެ މައިގަނޑު އަމާޒަކީ އިޤްތިޞާދު ރަނގަޅުކޮށް، ބޯހިޔާވަހިކަމާއި ވަޒީފާގެ ކަންބޮޑުވުންތަކަށް ދާއިމީ ހައްލެއް ހޯދައިދިނުންކަން އެމަނިކުފާނުގެ ވާހަކަފުޅުން ހާމަވެއެވެ.
މި ލިޔުން ކިޔާލުމުން



