ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ރައީސްގެ ދެކަނބަލުން ޝަރަފުވެރިކޮށްދެއްވައި، މުބާރާތުގެ ތަފާތު ވަނަތައް ހާސިލުކުރި ބައިވެރިންނަށް އިނާމު ހަވާލުކޮށްދެއްވައިފިއެވެ. އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި މި ރަސްމިއްޔާތުގައި އިނާމުތައް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ.
މިފަހަރުގެ މުބާރާތަކީ އިދާރީ ހުރިހާ ކަމެއް ޑިޖިޓަލައިޒްކޮށް، ވަކި މުއައްސަސާއެއް ތަމްސީލުކުރުމުގެ ބަދަލުގައި ފަރުދީ ގޮތުން ކޮންމެ މީހަކަށްވެސް އޮޑިޝަން ބުރުގައި ބައިވެރިވެވޭ ގޮތަށް ބޭއްވި ފުރަތަމަ މުބާރާތެވެ. ސެމީ ފައިނަލާއި ފައިނަލް ބުރަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި މުބާރާތުގެ ފަނޑިޔާރުންގެ ޕެނަލްތަކުގައި ބައިނަލްއަޤުވާމީ ފަނޑިޔާރުންވެސް މަންދޫބުންގެ ގޮތުގައި ހިމެނިވަޑައިގެންނެވިއެވެ.
ރައީސް ޑރ. މުޢިއްޒު ދެއްވާ ހާއްސަ އިސްކަމުގެ ދަށުން، މި މުބާރާތް މިހާރު ވެފައިވަނީ ދައުލަތުގެ ބަޖެޓުން ސީދާ ހަރަދުކޮށްގެން ރާއްޖޭގައި ބާއްވާ އެންމެ ޝަރަފުވެރި އަދި އެންމެ އަގުބޮޑު އިނާމުތައް ދެވޭ މުބާރާތަށެވެ. ފައިނަލް ބުރުގައި 138 ބައިވެރިން ވާދަކުރި މި މުބާރާތުގެ ބަލައިގެން ކިޔެވުމުގެ ގޮފިން 1 ވަނަ އާޔަން އަޙްމަދު ޢިނާން ހޯދިއިރު، ނުބަލައި ކިޔެވުމުގެ ގޮފިން 1 ވަނަ ހޯދީ ޢާއިޝަތު ޒީކް ރިޔާޟްއެވެ. އަދި ޙާފިޡުންގެ ގޮފިން މުޅި މުބާރާތުން 1 ވަނަ ހާސިލުކުރީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ.
މި ތިން ގޮފިން 1 ވަނަ ހޯދި ބައިވެރިންނަށް ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ އިނާމާއި ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ ސީދާ ރައީސް މުޢިއްޒެވެ. މީގެއިތުރުން، 1 ލައްކަ ރުފިޔާގެ ފައިސާގެ އިނާމާއި، ބޭނުން ދާއިރާއަކުން ޕީއެޗްޑީއަށް ކިޔެވުމުގެ ސްކޮލަރޝިޕާއި، އުމްރާ ދަތުރުގެ އިތުރުން އެކި މުއައްސަސާތަކުން ދޭ ފައިސާގެ އިނާމުތައްވެސް އެ ބައިވެރިންނަށް ވަނީ އަރުވާފައެވެ. އަދި މުބާރާތުން 2 ވަނަ އާއި 3 ވަނައަށް ހޮވުނު ބައިވެރިންނަށް އިނާމު ހަވާލުކޮށްދެއްވީ އެކަނބަލުން ސާޖިދާ މުޙައްމަދެވެ.
ރައީސް މުޢިއްޒުގެ ސަރުކާރުން އިސްލާމީ ތައުލީމާއި ޤުރުއާނުގެ علم ފެތުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާއިރު، ހާފިޒުންނަށް ދޭ އިނާޔަތް ދެގުނައަށް ބޮޑުކުރުމާއި، ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ ދައުރު ފުޅާކޮށް އަތޮޅުތަކުގައި ޤުރުއާން ކިޔަވައިދިނުމުގެ ފުރުސަތުތައް އިތުރުކުރުން ހިމެނެއެވެ.
މި ލިޔުން ކިޔާލުމުން



