ރާއްޖޭގައި ހުންނަ ޔޫއޭއީ އެމްބަސީގެ ޗާޖޭ ޑި އެފެއާޒް، ހަރ އެކްސެލެންސީ ހިބާ އަލް ޖުނައިބީ، އެންވަޔަރަންމަންޓް މިނިސްޓަރ ޢަލީ ޝަރީފްގެ އަރިހަސް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
އިއްޔެ ބޭއްވި މި ބައްދަލުވުމުގައި ރާއްޖެއާއި އެކުވެރި ޢަރަބި ޢިމާރާތް (ޔޫއޭއީ) އާ ދެމެދު ހަކަތައާއި، ފެނާއި އަދި ކުނި މެނޭޖުކުރުމުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމުގެ ފުރުސަތުތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީން ހާމަކުރި ގޮތުގައި މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލައްވާފައިވަނީ ޔޫއޭއީގެ މަޝްހޫރު މަސްދަރު ކުންފުންޏާއެކު ގުޅުން ބަދަހިކުރެވިދާނެ ދާއިރާތަކުގެ މައްޗަށެވެ. އެގޮތުން އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިންނާއި، ބެޓެރި އެނާޖީ ސްޓޯރޭޖް ސިސްޓަމްތައް ގާއިމުކުރުމާއި، ކަރަންޓު ވިއުގަ (ގްރިޑް) ޒަމާނީ ފެންވަރަށް ތަރައްގީކުރުމާ ގުޅޭގޮތުން ދެބޭފުޅުން ވަނީ ޚިޔާލު ބަދަލުކުރައްވާފައެވެ.
މީގެއިތުރުން، ކުނިން ހަކަތަ އުފެއްދުމާއި، ފެނާއި ނަރުދަމާގެ ނިޒާމުތައް ހަރުދަނާކުރުމުގެ އިތުރުން، މި ދާއިރާތަކުން ދިވެހި ފަންނީ މުވައްޒަފުން ތަމްރީނުކޮށް ގާބިލުކަން އިތުރުކުރުމަށް ހުރި ފުރުސަތުތަކާ ގުޅޭގޮތުންވެސް ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކުރައްވާފައެވެ.
މި ލިޔުން ކިޔާލުމުން



