"ވަރލްޑް ޓްރެވަލް އެވޯޑްސް އޭޝިއާ، އޯޝެނިއާ އެންޑް އިންޑިއަން އޯޝަން 2026" ޕްލެޓިނަމް ޓައިޓަލް ސްޕޮންސަރަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހަމަޖައްސައިފިއެވެ. މި އެވޯޑް ހަފްލާ އޮންނާނީ މި ހިނގާ ސެޕްޓެންބަރު މަހުގެ 27 ވަނަ ދުވަހުއެވެ.
ބީއެމްއެލް އިން ބުނީ ފަތުރުވެރިކަމާއި ހޮސްޕިޓޭލިޓީގެ ސިނާއަތުގައި ހަރަކާތްތެރިވާ 40 އަށް ވުރެ ގިނަ ގައުމުގެ އިސް މަންދޫބުން ބައިވެރިވާ މި ޝަރަފުވެރި ހަފްލާ ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު މި ހަފުލާގައި ބައިވެރިވުމަކީ ބޭންކަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.
މި ހަފްލާ އެންމެފަހުން ރާއްޖޭގައި ބާއްވާފައިވަނީ މީގެ 10 އަހަރު ކުރިންނެވެ.
މި ހަފްލާގައި ދުނިޔޭގެ މަޝްހޫރު ހޮޓެލްތަކާއި ރިސޯޓުތަކުގެ އިސްވެރިންނާއި، ޓޫރިޒަމް ބޯޑުތަކާއި ސަރުކާރުތަކުގެ މަންދޫބުންގެ އިތުރުން، މި ދާއިރާގެ އިންވެސްޓަރުންނާއި، އެއާލައިންތަކާއި އޭވިއޭޝަން ދާއިރާގެ އިސް ފަރާތްތަކާއި ބައިނަލްއަގުވާމީ ޓްރެވަލް މީޑިއާތަކުން ބައިވެރިވާނެއެވެ.
ބީއެމްއެލް އިން ބުނީ މި އެއްބަސްވުމުގެ ސަބަބުން ރާއްޖެއާއި ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ ދާއިރާގެ އިސް ފަރާތްތަކާއެކު ގުޅުން ބަދަހިކޮށް، ގާތުން މަސައްކަތްކުރުމުގެ ފުރުސަތު ބޭންކަށް ފަހިވެގެންދާނެ ކަމަށާއި، މިއީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށާއި، މި ސިނާއަތުގެ ވިޔަފާރިތަކާއި ހިއްސާދާރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ބީއެމްއެލްއިން ދޭ އަހުމިއްޔަތުކަން ހާމަކޮށްދޭ މުހިންމު ބައިވެރިވުމެއް ކަމަށެވެ.
މި ލިޔުން ކިޔާލުމުން



