ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއިން ފެންނަނީ، ޓޯކުރުމަށްފަހު ވެރިފަރާތަށް ދިން މުއްދަތުގައި ހަވާލުނުވުމުން ގާނޫނީ އިޖުރާއަތުތައް ފުރިހަމަކޮށް ކުނީގެ ގޮތުގައި ތިލަފުއްޓަށް ނައްތާލަން ގެންދާ ވެހިކަލްތަކެއް ކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ، އެ ވީޑިއޯއިން ފެންނަނީ އުޅަނދުތައް ނައްތާލަން ތިލަފުއްޓަށް ގެންދިއުމަށްޓަކައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަލަށް ހަމަޖެހުނު ޓޯޔާޑުގައި ފުލުހުން ހަރަކާތްތެރިވާ މަންޒަރު ކަމަށާއި، އެ ވެހިކަލްތައް ނައްތާލުމުގެ ހުއްދަ ލިބިފައިވާ ކަމަށެވެ.
އާންމުވި ވީޑިއޯގައި ފުލުހުންތަކެއް ޕިކަޕުން ސައިކަލުތަކެއް ބިންމައްޗަށް ވައްޓާލާތަން ފެންނާތީ، އާންމުންގެ މުދަލަށް އެގޮތަށް ގެއްލުންދިނުމުން ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެއްގަމު ދަތުރުފަތުރުގެ ގާނޫނުގައި ކުރިން އޮންނަ ގޮތުން، ގަވައިދާ ހިލާފަށް ޕާކްކޮށްގެން ޓޯކުރާ ވެހިކަލްތަކާ ވަކި މުއްދަތެއްގެ ތެރޭގައި ވެރިފަރާތުން ހަވާލުނުވެއްޖެނަމަ އެ ތަކެތި ނައްތާލުމުގެ ބާރު ފުލުހުންނަށް ލިބެއެވެ. ނަމަވެސް، އަލަށް ހެދި އެއްގަމު ދަތުރުފަތުރުގެ އާ ގާނޫނުގެ ދަށުން، އެގޮތަށް ޓޯކުރާ ވެހިކަލްތައް ވަކި މުއްދަތެއް ފަހުން ނީލަންކިއުމަށްޓަކައި ޓްރާންސްޕޯޓް މިނިސްޓްރީގެ މާލެއަށް ހާއްސަ އޮފީހާ ހަވާލުކުރަންޖެހެއެވެ.
މި ލިޔުން ކިޔާލުމުން



