ސްޓެލްކޯގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމަށް ސަރުކާރުން ނިންމެވި ނިންމެވުމަކީ ރައްޔިތުންނަށް ނުހަނު ފައިދާކުރާނެ ކަމެއް ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ސްޓެލްކޯއިން އަލަށް ޚިދުމަތްދޭން ފެށި ބ. އަތޮޅު، ޅ. އަތޮޅު، މ. އަތޮޅު އަދި ކ. ހުރާގެ ސްޓޭޝަން މެނޭޖަރުންނަށް އަމާޒުކޮށްގެން ބޭއްވި ތަމްރީނު ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޑރ. އަޒުވަރު ފާހަގަކުރެއްވި ގޮތުގައި، ސްޓެލްކޯއަކީ ޤައުމީ ތަރައްގީގެ މުހިންމު ބައިވެރިއަކަށްވާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި މި ނިންމެވުމުގެ ސަބަބުން ރަށްރަށުގައި ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުވެ، ޚަރަދުތައް ކުޑަކުރެވި، އޮޕަރޭޝަނަލް އެފިޝަންސީ އިތުރުވެގެންދާނެއެވެ. އަދި މުޅި ރާއްޖެއަށް ޚިދުމަތް ފުޅާކުރުމުގެ މަސައްކަތުގެ ތެރެއިން ޚާއްޞަ ޓީމުތަކެއް އެކުލަވާލައިގެން ސަވޭ ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަންވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ.
މީގެއިތުރުން، ސްޓެލްކޯއަކީ 75 އަހަރުގެ ދިގު ތާރީޚެއް އޮތް އިތުބާރު ހުރި ކުންފުންޏެއްކަން ފާހަގަކުރައްވައި، އަލަށް ހަމަޖެއްސި މެނޭޖަރުންވެސް ރައްޔިތުންގެ ލާބައަށްޓަކައި ގުޅިގެން މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ. މި މަހުގެ 20 އިން 22 އަށް ކުރިއަށްދާ މި ތަމްރީނު ޕްރޮގްރާމްގެ މައިގަނޑު އަމާޒަކީ ކުންފުނީގެ ޤަވާޢިދުތަކާއި މިންގަނޑުތަކާ އެއްގޮތަށް، އިދާރީ، ޓެކްނިކަލް އަދި މާލީ ދާއިރާއިން ޒިންމާދާރުކަމާއެކު އިންޖީނުގެތައް ހިންގުމުގެ ޤާބިލުކަން މެނޭޖަރުންގެ ކިބައިގައި އާލާކޮށްދިނުމެވެ.
މި ލިޔުން ކިޔާލުމުން



