"ވިމެން އިން ޕޮލިސިންގ ޑޭ" ފާހަގަކުރުމުގެ ގޮތުން މާލެ ސަރަހައްދުގެ އަންހެން މުވައްޒަފުންނަށް ހާއްސަކޮށްގެން ދުސިތު ޑީޓޫ ފޭދޫ މޯލްޑިވްސްގައި ފޯރަމެއް ބާއްވައިފިއެވެ. މި ފޯރަމް ޝަރަފުވެރިކޮށްދެއްވީ ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީއެވެ. މި ހަފްލާގައި ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާނާއި، ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދާއި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީގެ އިތުރުން ފުލުހުންގެ އިސް އޮފިސަރުންނާއި ވިމެން އިން ޕޮލިސިންގ ކޮމެޓީގެ މެންބަރުންނާއި ގިނަ އަދަދެއްގެ އަންހެން މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ފޯރަމްގެ ތެރެއިން ވަޒީރު ޢަލީ އިޙްސާން ވަނީ ހާއްސަ މޯޓިވޭޝަނަލް ސެޝަނެއް ކުރިއަށް ގެންދަވައި، ފުލުހުންގެ މުއައްސަސާގައި އަންހެނުން އަދާކުރާ މުހިންމު ދައުރަށް އަލިއަޅުއްވާލައްވައި، އަންހެން މުވައްޒަފުން ކުރިއެރުވުމަށް ގެންގުޅުއްވާ ތަސައްވުރު ހިއްސާކުރައްވާފައެވެ. މީގެއިތުރުން ކޮމިޝަނަރ އޮފް ޕޮލިސް ދެއްކެވި ވާހަކަފުޅުގައި، ފްރަންޓްލައިންގެ އިތުރުން އޮޕަރޭޝަނަލް އަދި ތަހުގީގީ ދާއިރާތަކުން ގިނަ އަންހެން މުވައްޒަފުން ފެނުމުގެ މުހިންމުކަން ފާހަގަކުރައްވައި، ކޮންމެ އަންހެން ފުލުހަކީވެސް ފިޓްނެސް ރަނގަޅު، ކޮންމެފަދަ ހާލަތަކަށްވެސް ތައްޔާރުވެފައިވާ މީހަކަށް ވުމަށް އެދިވަޑައިގެންނެވިއެވެ.
މި ފޯރަމްގެ ތެރެއިން، ހަފްލާ އިންތިޒާމުކުރުމުގައި އެހީތެރިވި ފަރާތްތަކުގެ އަގުވަޒަންކޮށް ހަނދާނީ ފިލާ އަރުވާފައިވެއެވެ. "ވިމެން އިން ޕޮލިސިންގ ޑޭ" ފާހަގަކުރުމަށް މުޅި ރާއްޖެއަށް އަމާޒުކޮށްގެން ތަފާތު ހަރަކާތްތައް ދަނީ ހިންގަމުންނެވެ. އެގޮތުން އަތޮޅުތެރޭގައި "އެކްޓް އޮފް ކައިންޑްނަސް" ހަރަކާތްތަކާއި، މަސައްކަތުގެ މާހައުލުގެ ގޮންޖެހުންތަކާއި ފަންނީ ކުރިއެރުމާ ގުޅޭގޮތުން މަޝްވަރާކުރުމުގެ ފޯރަމްތަކުގެ އިތުރުން، ޓީމް ބިލްޑިންގ އާއި އެކުވެރިކަން ބަދަހިކުރުމުގެ ތަފާތު ބައްދަލުވުންތައް ރަށްރަށުގައި ވެސް ވަނީ ކުރިއަށްގެންގޮސްފައެވެ.
މި ލިޔުން ކިޔާލުމުން



