އދ. ނުވަތަ ޔުނައިޓެޑް ނޭޝަންއަށް މާނަހުރި އިޞްލާޙުތައް ގެނައުމަށާއި، އެ ޖަމުޢިއްޔާގެ ތެރޭގައި އެންމެހާ ޤައުމުތަކަށް ހަމަހަމަ ތަމްސީލުވުން ލިބިދިނުމަށް ވަކާލާތުކުރުމުގައި ދިވެހިރާއްޖެއިން ދެމިއޮންނާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ، 21 ސެޕްޓެމްބަރު 1965 ގައި ދިވެހިރާއްޖެ އދ. ގެ މެންބަރަކަށް ވިތާ 61 އަހަރު ފުރުމުގެ މުނާސަބަތުގައި ފޮނުއްވި ޚާއްޞަ މެސެޖުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުން (ސިޑްސް) އިސްކަންދޭ ކަންކަން ކުރިއެރުވުމަށާއި، ހަމަހަމަ ބައިވެރިންގެ ގޮތުގައި އެ ޤައުމުތަކުގެ މާނަހުރި ބައިވެރިވުން ކަށަވަރުކުރުމަށް ރާއްޖެއިން މަސައްކަތްކުރާނެ ކަމަށް ވިދާޅުވިއެވެ. އަދި ދެމެހެއްޓެނިވި ތަރައްޤީ ކުރިއެރުވުމަށާއި، މޫސުމީ ވިލުންތެރިކަން ލިބިފައިވާ ބައިނަލްއަޤްވާމީ އިޤްތިޞާދެއް ބިނާކުރުމުގައި ސިޑްސްގެ ޤައުމުތަކުގެ އަޑު މާނަހުރި ގޮތެއްގައި އިއްވުމަށްޓަކައި އދ. އާއެކު އޮތް ގާތް ގުޅުން ކުރިއަށްގެންދަވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ. މީގެއިތުރުން، ދަރަންޏަށް ދެމެހެއްޓެނިވި ޙައްލުތައް ހޯދުމަށާއި، މޫސުމަށް ހޭނުމަށް ބޭނުންވާ ލުއި މާލީ އެހީތެރިކަން ހޯދުމަށް ރާއްޖެއިން މެދުކެނޑުމެއްނެތި ވަކާލާތުކުރާނެކަން ފާހަގަކުރެއްވިއެވެ.
އދ. ގެ މެންބަރެއްގެ ގޮތުގައި ދިވެހިރާއްޖެއިން ހޭދަކުރި މާޒީގެ މައްޗަށް އަލިއަޅުއްވާލައްވަމުން، އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުން އަރައިގަތުމަށް ރާއްޖެއިން ކުރި މަސައްކަތުގައި އދ. އިން ވެދިން އެހީތެރިކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި 2040 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެއަކީ ފުރިހަމައަށް ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ކުރާ މަސައްކަތުގައިވެސް މި ބައިވެރިވުން މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ވިދާޅުވިއެވެ. ހަމައެއާއެކު، އދ. ގެ ޢާންމު މަޖިލީހާއި އިންސާނީ ޙައްޤުތަކާ ބެހޭ މަޖިލީހުގެ ނައިބު ރައީސްކަން މީގެ ކުރިން ރާއްޖެއިން އަދާކޮށްފައިވާއިރު، މިހާރުވެސް އެކި ކައުންސިލްތަކުގެ މެންބަރުކަން ކުރަމުންދާކަމާއި، އދ. ގެ ސަލާމަތީ މަޖިލީހުގެ މެންބަރުކަމަށް ރާއްޖެއިން ވާދަކުރަމުންދާކަން ހާމަކުރެއްވިއެވެ.
ބައިނަލްއަޤްވާމީ ޤާނޫނުތަކަށާއި އދ. ގެ ޗާޓަރަށް ދިވެހިރާއްޖެއިން ދޭ އަހަންމިއްޔަތުކަން އަލުން ކަށަވަރުކޮށްދެއްވަމުން، ދުނިޔެއަށް ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ޑިޕްލޮމެސީއާއި މަޝްވަރާގެ މުހިންމުކަން ރައީސް ފާހަގަކުރެއްވިއެވެ. މެސެޖު ނިންމަވާލައްވަމުން، 1965 ގައި ރާއްޖެއިން އދ. އާ ގުޅުނީ ބައިނަލްއަޤްވާމީ ދުނިޔޭގެ ބަލައިގަތުން ހޯދުމަށް ކަމަށް ވިޔަސް، މިއަދު ރާއްޖެ އޮތީ އެ ޖަމުޢިއްޔާ ބައްޓަންކުރުމާއި ތަރައްޤީގެ އެންމެ އިސް ސަފުގައި ބޮޑެތި ޒިންމާތައް އުފުލުމަށް ފުރިހަމައަށް ތައްޔާރަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މި ލިޔުން ކިޔާލުމުން



