ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންމެ މުހިންމު އެއް ތަނބަކީ ގާނޫނު ތަންފީޒުކުރުމުގެ މައިދާނުގައި ހަރަކާތްތެރިވާ އަންހެން ފުލުހުން ކަމަށާއި، ހައްސާސީ މައްސަލަތައް ހައްލުކުރުމުގައާއި ފަންނީ ދާއިރާތަކުގެ ކުރީ ސަފުގައި އަންހެން އޮފިސަރުން އަދާކުރަނީ އަގުހުރި ދައުރެއް ކަމަށް މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ ގީލާ ޢަލީ ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ "ވިމެން އިން ޕޮލިސިންގ ޑޭ" ފާހަގަކުރުމުގެ ގޮތުން ދުސިތު ޑީޓޫ ފޭދޫ މޯލްޑިވްސްގައި ބޭއްވި ހާއްސަ ފޯރަމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ހަފްލާގައި ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާނާއި، ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދުގެ އިތުރުން ފުލުހުންގެ މުއައްސަސާގެ އިސް އޮފިސަރުންނާއި ގިނަ އަދަދެއްގެ އަންހެން ފުލުހުން ބައިވެރިވިއެވެ.
ފުލުހުންގެ ޚިދުމަތުގައި އަންހެނުން ހޯދަމުންދާ ތާރީޚީ ކުރިއެރުމަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރ މައުލޫމާތު ދެއްވި ގޮތުގައި، 2004 ވަނަ އަހަރު ފުލުހުންގެ ޚިދުމަތް މަދަނީ އިދާރާއެއްގެ ގޮތުގައި އުފެދުނުއިރު ތިބީ އެންމެ 64 އަންހެން ފުލުހުންނެވެ. ނަމަވެސް މިއަދު އެ އަދަދު އެތައް ގުނައަކަށް އިތުރުވެފައިވުމަކީ މުޖުތަމައުގައި އަންހެން ފުލުހުންގެ ބޭނުންތެރިކަން ހާމަކޮށްދޭ އަލިގަދަ ދަލީލެކެވެ. މީގެއިތުރުން، މުއައްސަސާގެ ތެރޭގައި މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް ކުރެވޭ މަސައްކަތްތަކާއި، ކަނބަލުންނަށް ހާއްސަކޮށްގެން ހިންގާ ތަމްރީނުތަކާއި ސިޔާސަތުތަކުގެ ސަބަބުން މި ދާއިރާއަށް އަންހެނުންގެ ޝައުގުވެރިކަން އިތުރުވަމުންދާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
ދާހިލީ ސަލާމަތް ބެލެހެއްޓުމުގެ ބުރަ މަސްއޫލިއްޔަތު އަދާކުރަމުން، މައެއްގެ އާއިލީ އެހެން ޒިންމާތައް އެއްވަރެއްގައި ހިފެހެއްޓުމުގައި އަންހެން ފުލުހުން ދައްކާ ސާބިތުކަމަކީ މުޅި މުޖުތަމައު ފަހުރުވެރިވާ ފަދަ ގުރުބާނީއެއްކަންވެސް މިނިސްޓަރ ބަޔާންކުރެއްވިއެވެ. ވާހަކަފުޅު ނިންމަވާލައްވަމުން، 2021 ވަނަ އަހަރު އުފެއްދި "މޯލްޑިވްސް ވިމެން އިން ޕޮލިސިންގ" ކޮމިޓީގެ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވައި، ތަމްރީނުގެ ދާއިރާއިންނާއި ބައިނަލްއަގުވާމީ ފުރުސަތުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށާއި، ރައްޔިތުންނަށް ހިދުމަތް ދިނުމުގައި އަބަދުވެސް އޯގާތެރިކަމާއި ކެތްތެރިކަން އިސްކުރުމަށް ހުރިހާ އަންހެން ފުލުހުންނަށް އެކަމަނާ އިލްތިމާސްކުރެއްވިއެވެ.
މި ލިޔުން ކިޔާލުމުން



