ސަރުކާރުގެ އެންމެ ބޮޑު މަޝްރޫޢު ކަމަށްވާ ރަސްމާލެ ތަރައްޤީ ކުރުމަށްޓަކައި، އެކުވެރި އަރަބި އިމާރާތުގެ މަޝްހޫރު ޑިވެލޮޕަރ "އީގަލް ހިލްސް" އާއެކު 20 ބިލިއަން އެމެރިކާ ޑޮލަރުގެ ބިޔަ ވޯޓާފްރަންޓް އަދި މެރީނާ މަޝްރޫޢެއްގެ އެއްބަސްވުމުގައި ސަރުކާރުން ވަނީ ސޮއިކޮށްފައެވެ.
މި އެއްބަސްވުމާ ގުޅިގެން ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ދައުލަތުގެ ދަރަނި އަދާކުރުމަށް ޕްރައިވަޓައިޒް ކުރުމާއި ރަސްމާލޭގައި މިފަދަ ޕްރޮޖެކްޓެއް ކުރިއަށްގެންދިއުމަކީ ރަނގަޅު ނިންމެވުމެއް ކަމަށްވިދާޅުވެ އެކަމަށް ތާއީދުކުރައްވާފައެވެ. ނަމަވެސް، މިއީ މުސްތަގްބަލަށް ފައިދާކުރަނިވި މަޝްރޫޢެއް ކަމުގައި ވީނަމަވެސް، މިވަގުތު ރާއްޖެއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ހާލަތުން އަރައިގަތުމާ މިކަމާ ގުޅުމެއް ނެތްކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްތަލިބް ވިދާޅުވި ގޮތުގައި މިއީ ރާއްޖޭގެ ބޭންކިން ނިޒާމު މެދުވެރިކޮށް އެތައް ބިލިއަން ޑޮލަރެއްގެ ބޭރުގެ އިންވެސްޓްމަންޓްތައް އަންނާނެ ވަރަށް މަންފާކުރަނިވި މަޝްރޫޢެކެވެ. މުޅި މަޝްރޫޢުގެ ދައުރުގެ ތެރޭގައި 30 ބިލިއަން ޑޮލަރަށްވުރެ ގިނަ ބޭރުގެ އިންވެސްޓްމަންޓް ރާއްޖެއަށް ލިބޭނެ ކަމަށް ލަފާކުރެވޭއިރު، އޭގެ ތެރެއިން 18 ބިލިއަން ޑޮލަރަކީ ސީދާ ރާއްޖެއަށް ލިބޭނެ ނެޓް އިންވެސްޓްމަންޓެވެ. އަދި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި އީގަލް ހިލްސްގެ ޗެއާމަން މުޙައްމަދު އަލަޢައްބާރު ވަނީ މި ޕްރޮޖެކްޓް ކާމިޔާބުކަމާއެކު ކުރިއަށްގެންގޮސް، ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭފަދަ މަޝްރޫޢަކަށް ހައްދަވައިދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.
މި ލިޔުން ކިޔާލުމުން



