ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އެބޭފުޅުންގެ އާއިލާތަކަށް ލިބޭ ޚާއްޞަ ހެލްތު އިންޝުއަރެންސް އުވައިލުމަށް ގޮވާލައި އަމިއްލަ ފަރާތަކުން ހުށަހެޅި އީ-ޕެޓިޝަނުގައި 6,977 މީހުން ސޮއިކުރުމާ ގުޅިގެން، އެ ޕެޓިޝަނަށް މިހާރު ވަނީ ޚާއްޞަ ޕެޓިޝަނެއްގެ ދަރަޖަ ލިބިފައެވެ. އޮގަސްޓު 12 ގައި މިދުއަމް ސައުދު ހުށަހެޅި މި ޕެޓިޝަނުގައި އެދިފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނުގެ ދަށުން މެންބަރުންނާއި، އެބޭފުޅުންގެ އަނބިން ނުވަތަ ފިރިން އަދި 18 އަހަރު ނުފުރޭ ދަރިންގެ އިތުރުން ކުރީގެ މެންބަރުންނަށް ލިބޭ ޚާއްޞަ މެޑިކަލް އިންޝުއަރެންސްގެ މާއްދާތައް އުވައިލުމަށެވެ.
މިހާރުގެ ނިޒާމުގެ ދަށުން ކޮންމެ މެންބަރަކަށް އަހަރަކު 1 މިލިއަން ރުފިޔާއަށްވުރެ އަގުހުރި ޕްލޭނެއް ލިބޭއިރު، އެލައިޑް މެދުވެރިކޮށް ރާއްޖެއާއި އޭޝިއާ ސަރަޙައްދުގެ 19 ޤައުމަކުން ފަރުވާ ލިބެއެވެ. 2015 އިން 2025 އަށް މި ޕްރީމިއަމަށް 100 މިލިއަނެއްހާ ރުފިޔާ ޚަރަދުވެފައިވާއިރު، ކުރީގެ މެންބަރުންނަށް އުމުރުދުވަހަށް މި ޚިދުމަތް ދޭންޖެހޭތީ ދައުލަތުގެ ޚަރަދު އަހަރަކަށްވުރެ އަހަރެއް ބޮޑުވަމުންދާނެ ކަމަށް ޕެޓިޝަނުގައި ފާހަގަކޮށްފައިވެއެވެ. އަދި އެމެރިކާ، ޖަޕާނު، ޖަރުމަނު އަދި އިނގިރޭސިވިލާތް ފަދަ ދުނިޔޭގެ ބޮޑެތި އިޤުތިޞާދުތަކުގައިވެސް ކުރީގެ މެންބަރުންނަށް އުމުރުދުވަހުގެ ހެލްތު އިންޝުއަރެންސް ނުދޭކަމާއި، ގިނަ ޤައުމުތަކުގައި މެންބަރުން ބޭނުންކުރަނީ އާންމު ރައްޔިތުންގެ ޤައުމީ ސިއްޙީ ނިޒާމުކަންވެސް ވަނީ ފާހަގަކޮށްފައެވެ.
އާންމު ރައްޔިތުން އާސަންދައާއި އެންސްޕާ މެދުވެރިކޮށް ޚިދުމަތް ހޯދާއިރު، މެންބަރުންގެ ޚާއްޞަ އިންޝުއަރެންސް އުވާލައި، ހުރިހާ މެންބަރުންވެސް އާންމު ރައްޔިތުންނެކޭ އެއްގޮތަށް ޤައުމީ ހެލްތު އިންޝުއަރެންސްގެ ދަށަށް ބަދަލުކުރުމަށް މި ޕެޓިޝަނުގައި ގޮވާލާފައިވެއެވެ. މަޖިލީހުގެ ޤަވާއިދުގެ ދަށުން، ޕެޓިޝަން ކޮމިޓީން ދެ ދުވަސް ތެރޭ ބައްދަލުވުމެއް ބާއްވައި، ސަރުކާރުގެ ސަމާލުކަމަށް ގެނެސް ބަހުސަށް ރައީސަށް ފޮނުވަންޖެހޭއިރު، ސަރުކާރުން މަސައްކަތު 30 ދުވަހުގެ ތެރޭގައި މިކަމާމެދު ގެންގުޅޭ ސްޓޭންޑް ހާމަކުރަންޖެހޭނެއެވެ.
މި ލިޔުން ކިޔާލުމުން



