ރަޝިއާގެ އެންމެ ބޮޑު އަމިއްލަ އެއާލައިން ކަމަށްވާ އެސްސެވަން އެއާލައިންގެ ދަތުރުތައް އަންނަ މަހުގެ 30 ވަނަ ދުވަހު ރާއްޖެއަށް ފެށުމަށް ނިންމައިފިއެވެ.
ރަޝިއާގެ ނޮވޮސިބިރްސްކް އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އަށް ކުރާ މި ދަތުރުތަކަކީ ވެރިރަށް މޮސްކޯ ފިޔަވައި ރަޝިއާގެ އެހެން ސަރަހައްދަކުން ރާއްޖެއަށް ދަތުރުތައް ފަށާ ފުރަތަމަ އެއާލައިނެވެ. އެއާބަސް އޭ320 މަރުކާގެ ބޯޓުފަހަރުގައި ކުރާ މި ދަތުރުތައް ހަފްތާއަކު ދެ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، އެއާލައިންގެ ވެބްސައިޓާއި އެޕްލިކޭޝަން މެދުވެރިކޮށް މިހާރު ވަނީ ޓިކެޓު ވިއްކަން ފަށާފައެވެ.
މި ދަތުރުތަކާ ގުޅިގެން ރަޝިއާގެ ޓުއާ އޮޕަރޭޓަރެއް ކަމަށްވާ ޓެޒް ޓުއާއިން ވަނީ ޚާއްޞަ ޕެކޭޖުތަކެއް ތަޢާރަފުކޮށް، ކުރީބައިގައި ބުކްކުރާ ފަރާތްތަކަށް އެކޮމޮޑޭޝަނުން %50 އާ ހަމައަށް ޑިސްކައުންޓް ދިނުމަށް ނިންމާފައެވެ.
ޓޫރިޒަމް މިނިސްޓަރ މުހައްމަދު އަމީން ދާދިފަހުން ރަޝިއާއަށް ކުރެއްވި ދަތުރުފުޅުގައި ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުކުރުމަށް މަޝްވަރާކުރައްވާފައިވާއިރު، އަހަރުގެ ފަހު ކުއާޓަރުގައި އިތުރު ހަތް އެއާލައިނަކުން ރާއްޖެއަށް ދަތުރުތައް ފަށާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ރާއްޖެއަށް ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ރަޝިއާއިން މި އަހަރުގެ މިހާތަނަށް 222,796 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.
މި ލިޔުން ކިޔާލުމުން



