މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމްގެ ނަންފުޅުގައި ހ. މާދޫފިޔައިން އޮތް ބައި، އެމަނިކުފާނުގެ އަނބިކަނބަލުން އާއިޝަތު ނަޝީދާއަށް ހިބައިން ދެއްވުމުން އެ ހިބަ ސައްހަ ކަމަށް ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފިއެވެ.
ސިވިލް ކޯޓުގެ ހުކުމުގައިވަނީ، 871.25 އަކަފޫޓުގެ ހ. މާދޫފިޔައިން އާޒިމަށް ލިބިވަޑައިގަންނަވާ ބައި އަނބިކަނބަލުން އާއިޝަތު ނަޝީދާއަށް ހިބަކޮށްދެއްވުމުން އެކަން އެކަމަނާ ގަބޫލުކުރައްވާފައިވާތީ، މިއީ ޝަރުއީ އަދި ގާނޫނީ ހަމަތަކުގެ މަތިން ހިނގައި ނިމިފައިވާ ސައްހަ ހިބައެއް ކަމަށެވެ.
މި ހިބައިގެ މައްސަލައަށް އާޒިމްގެ މަންމައާއި ދަރިކަނބަލުންވެސް އިއުތިރާޒުކުރައްވާފައި ނުވާކަން ކޯޓުން ފާހަގަކުރިއެވެ. އަދި އާޒިމާއި އޭނާ ބަލަންޖެހޭ ފަރާތްތައް ދިރިއުޅޭނެ އިންތިޒާމު މ. ސީނުކަރަންކާގޭގައި ހަމަޖެހިފައިވާކަމާއި، މާދޫފިޔައަކީ ރަހުނުކޮށްފައިވާ ނުވަތަ ކުއްޔަށް ދީފައިވާ ތަނެއް ނޫންކަންވެސް ހުކުމުގައި ބަޔާންކޮށްފައިވެއެވެ. މީގެއިތުރުން، އާޒިމްގެ މައްޗަށް ސާބިތު ދަރަންޏެއް ނެތުމާއި، އެ ގޯތީގެ މިލްކުވެރިކަމާމެދު އިއުލާނުކުރުމުންވެސް އެއްވެސް ފަރާތަކުން ޝަކުވާއެއް ހުށަހަޅާފައި ނުވާކަން ކޯޓުން ފާހަގަކުރިއެވެ.
ބިމާބެހޭ ގާނޫނުގެ ދަށުން އަނބިމީހާއަށް މުދާ ހިބައިން ދިނުމަށް ގާނޫނީ ހުރަހެއް ނެތުމުން، ސިވިލް ކޯޓުން ވަނީ ހ. މާދޫފިޔާއިން އާޒިމްގެ ބައި އަނބިކަނބަލުން އާއިޝަތު ނަޝީދާއަށް މިލްކުވެއްޖެކަމަށް ކަނޑައަޅައި ހުކުމްކޮށްފައެވެ.
މި ލިޔުން ކިޔާލުމުން



