އދ.ގެ އާންމު މަޖިލީހުގައި ބައިވެރިވުމަށް ފަލަސްތީން އޮތޯރިޓީގެ ވަފުދަށް ވިސާ ދިނުމަށް އެމެރިކާއިން ވިދިވިދިގެން ދެވަނަ އަހަރަށް ދެކޮޅު ހެދުމާ ގުޅިގެން، ރައީސް މަހްމޫދު އައްބާސް ތަގުރީރު ކުރައްވާނީ ރެކޯޑުކޮށްފައިވާ ވީޑިއޯއެއް މެދުވެރިކޮށެވެ.
އދ.ގެ ހެޑްކުއާޓާސް އެއްބަސްވުންތަކާއި މެހެމާންދާރީ އަދާކުރާ ގައުމުގެ ޒިންމާތަކަށް ރިއާޔަތްކޮށް އެ ނިންމުން އަލުން މުރާޖައާ ކުރުމަށް އީޔޫއިން އެމެރިކާއަށް ގޮވާލާފައިވާއިރު، މިކަމުގެ ސަބަބުން އދ.ގެ މަސައްކަތްތަކުގައި ފަލަސްތީނަށް ފުރިހަމައަށް ބައިވެރިވުމަށް ހުރަސްއެޅޭތީ އދ.ގެ ސެކްރެޓަރީ ޖެނެރަލް ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ޕީއޭގެ އޮފިޝަލުންނާއި ޕީއެލްއޯގެ މެންބަރުންނަށް ވިސާ ދިނުން މަނާކުރާ ފިޔަވަޅުތައް ދަމަހައްޓާނެ ކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ ހާމަކޮށްފައެވެ. އެމެރިކާއިން މިގޮތަށް ނިންމީ ފަލަސްތީނުން ސުލްހައިގެ ފުރުސަތުތަކަށް ހުރަސްއަޅައި، އިސްރާއީލުގެ މައްސަލަ ބައިނަލްއަގުވާމީ ކޯޓުތަކަށް ހުށަހަޅައި، މަޝްވަރާތަކާ ނުލައި މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް މަސައްކަތްކުރާ ކަމަށް ބުނެއެވެ.
ޣައްޒާގައި ހިންގި ހަނގުރާމައިގެ ޖަރީމާތަކާ ގުޅިގެން އިސްރާއީލުގެ ބޮޑުވަޒީރު ހައްޔަރުކުރުމުގެ އަމުރެއް ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން ނެރެފައިވީ ނަމަވެސް، އިސްރާއީލުގެ އެއްވެސް އޮފިޝަލަކަށް އެމެރިކާއިން މިފަދަ ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.
އދ.ގެ 81 ވަނަ އާންމު މަޖިލީހުގައި ރައީސް އައްބާސް ދެއްވާ ތަގުރީރުގައި ފަލަސްތީނު ދައުލަތް ބަލައިގަތުމަށާއި، ޣައްޒާގެ އިންސާނީ ހާލަތުގެ އިތުރުން ހުޅަނގު އައްސޭރީގައި އިސްރާއީލުން ހިންގާ ގަވާއިދާ ހިލާފު އަމަލުތަކާ ގުޅޭގޮތުން ވާހަކަދައްކަވާނެ ކަމަށް ބެލެވެއެވެ.
މި ލިޔުން ކިޔާލުމުން



