އެއާޕޯޓަށް ފުރަންދިޔަ ހަ ބިދޭސީއެއްގެ އަތުން 3.86 މިލިއަން ރުފިޔާގެ ބޭރު ފައިސާ އަތުލައިގެންފިއެވެ.
ފުލުހުން ބުނީ ގަވާއިދާ ހިލާފަށް ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތްތައް ހިންގާ ފަރާތްތައް ހޯދައި، ގާނޫނީ ފިޔަވަޅު އެޅުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން، މިކަމަށް ހާއްސަކުރެވިފައިވާ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަނެއްގައި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ބަންގްލަދޭޝަށް ފުރަން ގޮސްތިއްބައި ހުއްޓުވި ބަންގްލަދޭޝްގެ 6 މީހެއްގެ އަތުން ގިނަ އަދަދެއްގެ ބޭރު ފައިސާ ތަހުގީގުގެ ބޭނުމަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
މިގޮތުން ފުލުހުން ހާމަކުރި ގޮތުގައި ހިފެހެއްޓުނު ފައިސާގެ ތެރޭގައި 174,161 ޔޫ.އެސް ޑޮލަރާއި 56,760 ޔޫރޯ އާއި 1،815 ސްޓަރލިންގ ޕައުން ހިމެނޭހެން ޖުމުލަ 18 ގައުމެއްގެ ފައިސާ ހިމެނޭއިރު، ފައިސާގެ ޖުމުލަ އަގު ގާތްގަނޑަކަށް 3,861,415.29ރ. (ތިން މިލިއަން އަށްލައްކަ ފަސްދޮޅަސް އެއްހާސް ހަތަރުސަތޭކަ ފަނަރަ ރުފިޔާ އޮނަތިރީސް ލާރި) އަށް އަރައެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ބަންގްލަދޭޝްގެ 6 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.
މި ލިޔުން ކިޔާލުމުން



