އިންސާނާގެ އަބުރުވެރި ދިރިއުޅުމަށާއި ދުނިޔަވީ އެންމެހައި ޙާޖަތްތައް ފުއްދައިދިނުމަށްޓަކައި މާތް ﷲ ދެއްވާފައިވާ އެންމެ މަތިވެރި އެއް ނިޢުމަތަކީ މުދަލެވެ. މުދާ ހޭދަކުރުމުގައި އިޤުތިޞާދުކުރުމާއި، އިސްރާފުނުކޮށް މެދުމިނުގެ މަގެއް އިޚުތިޔާރުކުރުމަކީ އިސްލާމްދީން ބާރުއަޅާފައިވާ މުހިންމު އުޞޫލެކެވެ. އެހެންކަމުން، މުސްތަޤުބަލުގައި ދިމާވެދާނެ ކުއްލި ޙާލަތްތަކަށް ސަމާލުވެ، ފަހަށް ރައްކާކުރުމަކީ ދިރިއުޅުމުގެ ކަންކަން ތަރުތީބުކުރުމަށްޓަކައި ކޮންމެ މީހަކުވެސް ކުރަންޖެހޭ މުހިންމު ކަމެކެވެ.
މާލީ މުޢާމަލާތްތައް ހިންގުމުގައި ދަރަނީގެ މުޢާމަލާތްތަކަށް ނުހަނު ބޮޑަށް ސަމާލުވާންޖެހެއެވެ. ބޭނުމެއް ނެތި ނުވަތަ އަދާކުރެވޭނޭ ގޮތެއް ނެތި ދަރަނި ނެގުމުގައި ޙައްދުފަހަނަޅައި ދިއުމަކީ ނުރައްކާތެރި ކަމެކެވެ. ނަބިއްޔާ ﷺ ވަނީ ދަރަނިން ރައްކާތެރިކޮށްދެއްވުން އެދި ދުޢާކުރައްވާފައެވެ. އަދި ދަރަނި ނުދައްކައި ހުރެއްޖެ ނަމަ، މުއުމިނާގެ ނަފުސަށް ލިބެންވާ ނިޢުމަތްތައް ހިފެހެއްޓިގެންވާކަން ޙަދީޘްފުޅުން އެނގެއެވެ. އެހެންކަމުން ދަރަނި ނަގަންވާނީ ކޮންމެހެން ބޭނުންވެ، އެ ދެއްކޭނެ މަގު ތަނަވަސްވެފައިވާ ނަމައެވެ. އަދި އެފަދަ ޙާލަތެއްގައިވެސް ރިބާ ހިމެނޭ އެންމެހައި މުޢާމަލާތްތަކުން ދުރުހެލިވާންޖެހެއެވެ.
އީމާންކަމުގެ މަތިވެރި ސިފަތަކުގެ ތެރޭގައި ޢަޤުދުތަކާއި މާލީ އެއްބަސްވުންތަކަށް ޙުރުމަތްތެރިކޮށް ހިތުމާއި، އެއަށް ވަފާތެރިވުން ހިމެނެއެވެ. ގަނެވިއްކުމާއި، ކުއްޔަށްދިނުމާއި، ދަރަންޏާއި އެހެނިހެން މާލީ މުޢާމަލާތްތަކުގައި އަމާނާތްތެރިކަމާއި ތެދުވެރިކަން އިސްކުރަންޖެހެއެވެ. ގަނެވިއްކުމުގައި ތެދުވެރި، އަމާނާތްތެރި ވިޔަފާރިވެރިން ޤިޔާމަތް ދުވަހުން ވާހުށީ ނަބިއްޔުންނާއި، ޞިއްދީޤުންނާއި، ޝަހީދުންނާ އެކުގައިކަން ރަސޫލާ ﷺ ވަނީ ބަޔާންކުރައްވާފައެވެ.
މީގެއިތުރުން، ތިމާ ބަލަހައްޓަންޖެހޭ އަނބިދަރިންނަށް ތިމާގެ ފެންވަރުން ޚަރަދުބަރަދު ދިނުމަކީ މުދަލުން އަދާކުރަންޖެހޭ ވާޖިބު ޙައްޤެކެވެ. ތިމާގެ ބެލެނިވެރިކަމުގެ ދަށުގައިވާ ފަރާތްތަކަށް ދޭންޖެހޭ ކޭންބުއިން ނުދީ ހިފެހެއްޓުމަކީ ފާފަވެރިވާނެ ކަމެކެވެ. އިސްލާމީ މުޖުތަމަޢެއްގެ ބަދަހިކަމާއި އަމާންކަން ބިނާވެގެންވަނީ މާލީ މުޢާމަލާތްތަކުގައި ތެދުވެރިވެ، ޙައްޤުތަކަށް ރައްކާތެރިވެ، އިސްރާފުކުރުމާއި ނުވަތަ ޙާޖަތެއް ނެތި ދަރަނި ނެގުމުން ދުރުހެލިވެގެންނެވެ.
މާލީ އަޚްލާޤީ އުޞޫލުތަކުގެ އިތުރުން، މިއަދުގެ ޚުތުބާގައި ވަނީ ޙޫޘީންގެ ހަމަލާތައް ކުށްވެރިކޮށް، މައްކާއާ މަދީނާގެ ޚިމާޔަތަށް އެދި ދުޢާކޮށްފައެވެ. މުޅި ރާއްޖޭގައި އިއްވި މި ޚުތުބާގައި ބުނެފައިވަނީ މާތް ﷲ އާއި އެކަލާނގެ ރަސޫލާ ޙުރުމަތްތެރިކުރައްވައިފައިވާ މާތްވެގެންވާ މައްކާއާއި މަދީނާގެ ޙުރުމަތް ކަނޑައި، ޙޫޘީން ދެމުންދާ އަނިޔާވެރި ލާއިންސާނީ ޢުދުވާނީ ޙަމަލާތަކާއި އިންޛާރުތައް ހަރުކަށި ޢިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި އެ ދެ ރަށަކީ ޤިޔާމަތާހަމައަށް މާތް ﷲ ޙުރުމަތްތެރިކުރައްވައިފައިވާ މުޤައްދަސު ދެ ރަށް ކަމަށާއި، އެއިން ތަނަކަށް ޙަމަލާއެއްދިނުމަކީ މުސްލިމުންގެ ހިތްތައް ހިތާމައިން ކުދިކުދިވެދާވަރުގެ ކަމެއް ކަމަށް ބަޔާންކޮށްފައިވެއެވެ. އެހެންކަމުން، ޙޫޘީންގެ ހަމަލާތަކުން މައްކާއާ މަދީނާ ހިމާޔަތް ކުރެއްވުން އެދިއާއި، އެ ތަންތަނަށް އަރައިގަންނަން މަސައްކަތް ކުރާ ކޮންމެ ބަޔަކު ނިކަމެތި ކުރެއްވުން އެދި މިއަދުގެ ޚުތުބާގައި ވަނީ ޚާއްޞަ ދުޢާއެއް ކުރައްވާފައެވެ.
މި ލިޔުން ކިޔާލުމުން



