ބާބުލް މަންދަބު ކަނޑުއޮޅިން ދަތުރުކުރާ އިޓަލީގެ ވިޔަފާރި އުޅަނދުފަހަރުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހަނގުރާމަމަތީ މަނަވަރުތައް ފޮނުވާނެ ކަމަށާއި، މިކަމުގައި ޔޫރަޕިއަން ޔޫނިއަންގެ ނިންމުމަކަށް އިންތިޒާރު ނުކުރާނެ ކަމަށް އިޓަލީގެ ޑިފެންސް މިނިސްޓަރު ގުއިޑޯ ކްރޮސެޓޯ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ކްރޮސެޓޯ ފާހަގަކުރެއްވި ގޮތުގައި އެ ކަނޑުގެ މަގު ހިމާޔަތްކުރުމުގެ ގާބިލުކަން އިޓަލީގައި އެބަހުއްޓެވެ. އަދި އެ މަގުން ދަތުރުނުކުރެވިއްޖެނަމަ އިގްތިސާދީ ގޮތުން ބޮޑެތި ގެއްލުންތަކެއް ވާނެތީ، އިދާރީ ލަސްތަކުގެ ސަބަބުން މި ނާޒުކު ހާލަތު އިތުރަށް ގޯސްވިޔަ ނުދިނުމަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހެއެވެ.
ރަތްކަނޑާއި އަދަން ކަނޑުއޮޅި ގުޅުވައިދޭ ބާބުލް މަންދަބަކީ ދުނިޔޭގެ ވިޔަފާރީގެ 12 އިން 15 އިންސައްތަ ހިއްސާކުރާ މުހިންމު މަގެކެވެ. އަދި ހޮރްމޫޒް ކަނޑުއޮޅީގެ މައްސަލަތަކާ ގުޅިގެން ސައޫދީން ރަތްކަނޑުގެ މަގަށް ބަރޯސާވާން ފެށުމުން، ގަލްފުގެ ތެޔޮ ބޭރުކުރުމުގައި މި ކަނޑުއޮޅީގެ މުހިންމުކަން ވަނީ އިތުރަށް ބޮޑުވެފައެވެ.
ފާއިތުވި ހަފުތާތަކުގައި ހޫޘީން ދިން ހަމަލާތަކުގައި ޔަމަނުގެ ހުޅަނގު އައްސޭރިފަށާއި ސްޓްރެޓީޖިކް މުހިންމު ރަށްތައް އެމީހުންގެ ބާރުގެ ދަށަށް ގެނައުމާ ގުޅިގެން، ބާބުލް މަންދަބު ކަނޑުއޮޅީގެ މަގަށް އެ ޖަމާއަތަށް ވަދެވޭނެ ފުރުސަތު ވަނީ ފަހިވެފައެވެ. އެމެރިކާއާއި ސަރަހައްދީ އެކުވެރިންގެ އުޅަނދުތަކަށް އަމާޒުކޮށް ހަމަލާދިނުމުގެ ތާރީޚެއް އޮތް ހޫޘީންގެ މި ކުރިއެރުމަކީ ބައިނަލްއަގުވާމީ ކަނޑުދަތުރުފަތުރަށް ކުރިމަތިވި ބޮޑު ނުރައްކަލެކެވެ.
ވިޔަފާރި އުޅަނދުފަހަރުގެ ރައްކާތެރިކަމަށް އެމެރިކާއާއި ޔޫރަޕިއަން ޔޫނިއަނުން އަސްކަރީ ހަރަކާތްތަކެއް ހިންގަމުން ދިޔަނަމަވެސް، ޔަމަނުގެ ހަނގުރާމަ ވަރުގަދަވަމުން ދިޔުމުގެ ސަބަބުން މި މުހިންމު ކަނޑުގެ މަގު އެއްކޮށް ރައްކާތެރިކުރުމުގައި ބޮޑެތި ދަތިތަކަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ.
މި ލިޔުން ކިޔާލުމުން



