އެމެރިކާއިން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަށް ހަ މަސް ފާއިތުވެފައިވާއިރު، މިހާތަނަށް 38 ބިލިއަން ޑޮލަރު ޚަރަދުވެފައިވާ ކަމަށާއި ކުރިއަށް އޮތް ތަނުގައި ކޮންމެ މަހަކު އިތުރު 3 ބިލިއަން ޑޮލަރު ޚަރަދުވާނެ ކަމަށް ކޮންގްރެޝަނަލް ބަޖެޓް އޮފީހުން ވަނީ ހާމަކޮށްފައެވެ. ޓްރަމްޕްގެ ސަރުކާރުން މި ހަނގުރާމަ ނިންމައި ސްޓްރެއިޓް އޮފް ހޯމުޒް އަލުން ހުޅުވުމަށް މަސައްކަތް ކުރަމުންދާއިރު، މި ހަނގުރާމައިގެ ސަބަބުން 2027 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި އިންފްލޭޝަން %0.5 އަށް އިތުރުވެދާނެ ކަމަށް ވަނީ ލަފާކުރެވިފައެވެ.
އެމެރިކާގެ ހަނގުރާމައިގެ ޚަރަދުތަކުގެ ބޮޑުބައެއް ހިނގަނީ ހަތިޔާރު އަވަހަށް ހުސްވަމުންދާތީ ކަމަށާއި، މި ސްޓޮކް އަލުން ފުރާލަން ފަސް އަހަރު ނަގާފާނެ ކަމަށް ބަޖެޓް އޮފީހުން ވަނީ ބުނެފައެވެ. މި ހަނގުރާމައިގެ ސަބަބުން ދުރު ރާސްތާގެ މިސައިލްތަކުގެ ބޮޑުބައި ބޭނުންކޮށްފައިވާއިރު، މިސައިލް އިންޓަސެޕްޓަރު ފަދަ މުހިންމު ހަތިޔާރުތައް މަދުވުމަކީ ޗައިނާއާއި ޓައިވާން ފަދަ އެހެން ސަރަޙައްދެއްގައި ބޮޑު ހަނގުރާމައެއް ފެށިއްޖެނަމަ ޕެންޓަގަންގެ ދިފާޢީ ޤާބިލުކަމަށް ހުރަސްއެޅިދާނެ ކަމެއް ކަމަށް ސީބީއޯ އިން ފާހަގަކުރެއެވެ.
މި މައްސަލައާ ގުޅިގެން ހަތިޔާރުގެ ސަޕްލައި އަލުން ފުރިހަމަކުރުމަށްޓަކައި، ކުއްލި އެހީގެ ގޮތުގައި ގާތްގަނޑަކަށް 90 ބިލިއަން ޑޮލަރު ހޯދުމަށް ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު ވަނީ ސެނެޓުގައި އެދިވަޑައިގެންފައެވެ.
ވައިޓް ހައުސްގެ ތަރުޖަމާނު އަނާ ކެލީ ވަނީ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނަށް ދެއްވި ހަމަލާތަކަކީ އެމެރިކާގެ މަސްލަހަތުތަކާއި މުވައްޒަފުންގެ ދިފާއުގައި އެޅުއްވި ހަރުދަނާ ފިޔަވަޅެއް ކަމަށް ވިދާޅުވެފައެވެ. އަދި އެމެރިކާ ސިފައިންގެ ސްޓްރެޓީޖިކް ލަނޑުދަނޑިތައް ހާސިލުކުރުމަށް ބޭނުންވާ ވަރަށް ވުރެ ގިނައިން ހަތިޔާރާއި ވަޒަން އެބަހުރި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ޕެންޓަގަންގެ އިސް ތަރުޖަމާނު ޝޯން ޕާނެލް ވެސް ހަތިޔާރު މަދުވެފައިވާ ކަމަށް ބުނާ ވާހަކަތައް ދޮގުކުރައްވާފައިވާއިރު، ކޮންގްރެސްގެ މާލީ އޮޑިޓަރުންނަށް ޑިފެންސް ޑިޕާޓްމަންޓުން ފުރިހަމަ އެއްބާރުލުން ދީފައިނުވާ ކަމަށް ސީބީއޯ އިން ވަނީ ބުނެފައެވެ.
އެމެރިކާގެ ހައުސް ބަޖެޓް ކޮމިޓީގެ އިސް ޑިމޮކްރެޓް ބްރެންޑަން ބޮއިލް ވިދާޅުވީ، އީރާން ހަނގުރާމައިގެ ސަބަބުން އެމެރިކާ ސިފައިންގެ ފުރާނަ ގެއްލި ގިނަ ބަޔަކު ޒަޚަމްވަމުންދާ ކަމަށާއި، މިހާތަނަށް ސިފައިންގެ 18 މީހަކު މަރުވެފައިވާ ކަމަށެވެ.
އިންސާނީ ބޮޑު ގެއްލުމުގެ އިތުރުން، މި ހަނގުރާމައަށް އެމެރިކާގެ ޓެކްސް ދައްކާ ފަރާތްތަކުގެ ޖީބުން އެތައް ބިލިއަން ޑޮލަރެއް ޚަރަދުވަމުންދާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ސްޓްރެއިޓް އޮފް ހޮރުމުޒުގައި ވިޔަފާރި އުޅަނދުތަކަށާއި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ދިން ހަމަލާތަކުގެ ޚަރަދާއި ދަރަނީގެ އަދަދުތައް ސީބީއޯގެ ރިޕޯޓުގައި ހިމަނާފައި ނުވި ނަމަވެސް، ޕެންޓަގަންގެ ރިޕޯޓުން ދައްކާ ގޮތުގައި މެދުއިރުމަތީގައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކުގެ އެތައް ސަތޭކަ އިމާރާތަކަށާއި، ފައިޓަރ ޖެޓް، ތެޔޮ އަޅާ ބޯޓު އަދި ޑްރޯންތަކަށް އީރާނުން ވަނީ ބޮޑެތި ގެއްލުންތަކެއް ދީފައެވެ. އަދި އެމެރިކާގެ ޑިޕްލޮމެޓިކް އިމާރާތްތަކަށް 184 މިލިއަން ޑޮލަރުގެ ގެއްލުން ލިބިފައިވެއެވެ.
މި ހަނގުރާމައިގެ ސަބަބުން ހަކަތައިގެ ބާޒާރުގެ އަގުތައް އިންތިހާއަށް އުފުލިފައިވާއިރު، މިއީ އެމެރިކާގެ އާންމު ދަރަނި 40 ޓްރިލިއަން ޑޮލަރަށް އަރާފައިވާ ދަނޑިވަޅެއްގައި ބަޖެޓަށް ކުރިމަތިވާނެ އިތުރު ބުރައެކެވެ. މީގެ ކުރިން އެމެރިކާއިން އިރާޤު ހަނގުރާމައަށް 2 ޓްރިލިއަން ޑޮލަރު އަދި އަފްޣާނިސްތާނު ހަނގުރާމައަށް 2.3 ޓްރިލިއަން ޑޮލަރު ވަނީ ޚަރަދުކޮށްފައެވެ.
މި ލިޔުން ކިޔާލުމުން



