ހުޅުމާލެ ފޭސް 2 ގައި މިދިޔަ އޮގަސްޓް މަހުގެ ފަހުކޮޅު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާތަކެއް ލިބި، ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ 62 އަހަރުގެ ދިވެހި ފިރިހެނަކު ރޭގެ ވަގުތެއްގައި ނިޔާވެއްޖެއެވެ.
ފުލުހުން ވިދާޅުވި ގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ 2026 އޮގަސްޓް 31 ވަނަ ދުވަހުގެ ހެނދުނު 07:36 އެހައިކަންހާއިރުއެވެ. އެ ހާދިސާ ހިނގާފައިވަނީ ހުޅުމާލެ ފޭސް 2 ގެ ދުނބުރިގަސް މަގާއި ހީނާމާ ހިނގުން ގުޅުނު ހަތަރު އަނގޮޅި ކަންމަތީގައި ކާރަކާއި ސައިކަލެއް ޖެހިގެންނެވެ.
މި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން 62 އަހަރުގެ މީހާގެ އިތުރުން، ސައިކަލުގެ ފަހަތުގައި އިން 24 އަހަރުގެ ދިވެހި ފިރިހެނަކަށްވެސް އެކިވަރުގެ އަނިޔާތައް ލިބިފައިވެއެވެ. މި ހާދިސާއާ ގުޅިގެން އަނިޔާވި މީހުންނަށް ފުރަތަމަ ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު، ސީރިއަސް އަނިޔާތަކެއް ލިބުނު 62 އަހަރުގެ މީހާ ވަނީ އިތުރު ފަރުވާއަށް ޓްރީޓޮޕް ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ.
އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ގޮތުގައި، އޭނާގެ ސިކުނޑީގެ ކަނާތް ފަރާތަށް ލޭއެޅިފައިވުމާ ގުޅިގެން އޮގަސްޓް 31 ވަނަ ދުވަހު ވަނީ ބޮލުގެ އޮޕަރޭޝަނެއް ކޮށްފައެވެ. އަދި އޭގެ ފަހުން އޭނާއަށް ފަރުވާ ދެމުންދިޔައީ ޓްރީޓޮޕް ހޮސްޕިޓަލުގެ އައި.ސީ.ޔޫގައެވެ.
އައިސީޔޫގައި ފަރުވާ ދެމުންދަނިކޮށް އޭނާ ނިޔާވެފައިވަނީ 2026 ސެޕްޓެންބަރު 15 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.
ފުލުހުން ދަނީ މި އެކްސިޑެންޓް އިތުރަށް ތަހުގީގު ކުރަމުންނެވެ.
މި ލިޔުން ކިޔާލުމުން



