އިސްރާއީލަށް 2.8 ބިލިއަން ޑޮލަރުގެ ބޮން ފޮނުވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ރާވަމުންދާތީ ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ. މި ފާޑުކިޔުންތައް އަމާޒުވެފައިވަނީ އާންމު ރައްޔިތުންނަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކާ ގުޅިގެންނެވެ.
ޚަބަރުތައް ބުނާގޮތުގައި ޓްރަމްޕް ސަރުކާރުން ވިއްކަން ތައްޔާރުވަމުންދާ މި ޕެކޭޖުގައި 2،000 ޕައުންޑް (907 ކިލޯގްރާމް) ގެ ބޮންތައް ހިމެނޭއިރު، މިއީ ފަހުގެ ތާރީޚެއްގައި މިފަދަ ހަތިޔާރު އެއްފަހަރާ ވިއްކާ އެންމެ ބޮޑު މުއާމަލާތެވެ.
އެމެރިކާގެ ފޮރިން މިލިޓަރީ ފައިނޭންސިންގ ޕްރޮގްރާމްގެ ދަށުން އިސްރާއީލަށް ދޫކުރުމަށް ހަމަޖެހިފައިވާ މި ޕެކޭޖުގައި ޖުމްލަ 40،000 ބޮން ހިމެނެއެވެ. މި ޕެކޭޖުގައި ހިމެނެނީ 20،000 އެމްކޭ-84 ޖެނެރަލް-ޕާޕަސް ބޮމާއި، ކަނޑުގެ އުޅަނދުފަހަރުގައި ރައްކާތެރިކަމާއެކު ގުދަންކުރެވޭ ގޮތަށް ހޫނު ނުހިފާ ގޮތަށް ތައްޔާރުކޮށްފައިވާ 20،000 ބީއެލްޔޫ-117 ބޮމެވެ. މީގެއިތުރުން ބިމުގެ އަޑީގައި ހުންނަ ވަރުގަދަ ބިނާތަކަށް އަމާޒުކޮށް ފަރުމާކޮށްފައިވާ އައި-2000 ޕެނެޓްރޭޓަރ ވޯހެޑްތައް ވެސް މި ޕެކޭޖުގައި ހިމެނެއެވެ.
ފުރަތަމަ ގަލްފު ހަނގުރާމައިގައި އެމެރިކާގެ ޕައިލެޓުން "ހެމަރ" ގެ ނަމުން ނަންދީފައިވާ މި ބޮމަކީ ބޯ ކޮންކްރީޓް ފޫއަޅުވާލުމުގެ ގާބިލުކަން ލިބިފައިވާ އަދި ބޮޑެތި ސަރަހައްދުތައް ސުންނާފަތިކޮށްލާ ބާރުގަދަ ހަތިޔާރެކެވެ. އިސްރާއީލުން ވަނީ ޣައްޒާއާއި ލުބުނާނުގެ ރައްކާތެރި ސަރަހައްދުތައް ހިމެނޭހެން މި ބާވަތުގެ ބޮން އެތައް ސަތޭކަ ފަހަރަކު ބޭނުންކޮށްފައެވެ. ކުރިން ބައިޑަންގެ ސަރުކާރުން ހިފެހެއްޓި މިފަދަ ހަތިޔާރުގެ ޝިޕްމަންޓްތައް، ޓްރަމްޕްގެ ވެރިކަމުގެ ފުރަތަމަ މަހު ދޫކޮށްލުމަށް ވަނީ ނިންމަވާފައެވެ.
އިސްރާއީލަށް ހަތިޔާރު ވިއްކުމުގެ މި މުއާމަލާތް ހުއްޓުވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެ އެމެރިކާގެ ސެނެޓަރ ކްރިސް ވެން ހޮލެން ވަނީ ރައީސް ޓްރަމްޕަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. މީގެއިތުރުން ކޮންޒަވޭޓިވް ކޮމެންޓޭޓަރު ޓަކަރ ކާލްސަން އަދި ކުރީގެ ކޮންގްރެސް މެންބަރު މާޖޮރީ ޓޭލަރ ގްރީން ވެސް ވަނީ މިއީ އާންމުން މެރުމަށް ދެވޭ އެހީއެއް ކަމަށް ސިފަކުރައްވައި، މި ޑީލް ހުއްޓުވުމަށް ގޮވާލައްވާފައެވެ.
މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ދެކޭގޮތުގައި، މި މުއާމަލާތަކީ ކުރިއަށް އޮތް ތަނުގައި އެމެރިކާ ސަރުކާރުގެ އެއްބާރުލުން ނުލިބިދާނެ ކަމުގެ ބިރަށްޓަކައި، އަސްކަރީ އެހީ މިހާރުން މިހާރަށް ކަށަވަރުކުރުމަށް އިސްރާއީލުން ގަސްތުގައި ރާވައިގެން ކުރިއަށްގެންދާ ކަމެކެވެ.
މި ލިޔުން ކިޔާލުމުން



