ސަޢޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓުގެ ޗީފް އެގްޒެކެޓިވް އޮފިސަރ، ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލް މުރްޝިދު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެކޮޅު މުލީއާގޭގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނަށާއި އަރިހުގައި ވަޑައިގެންނެވި ވަފުދުގެ ބޭފުޅުންނަށް ހޫނު މަރުޙަބާއެއް ވިދާޅުވެފައެވެ. އަދި ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކަށް ސަޢޫދީ ސަރުކާރާއި ސަޢޫދީ ފަންޑުން މެދުކެނޑުމެއްނެތި ފޯރުކޮށްދެމުންދާ އެހީތެރިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލް މުރްޝިދު ދެއްކެވި ވާހަކަފުޅުގައި، ސަޢޫދީ ފަންޑާއި ދިވެހިރާއްޖެއާ ދެމެދު އޮތް ވަރުގަދަ އިސްތިރާޖީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ގާތްގުޅުން އިތުރަށް ބަދަހިކުރުމަށް އެ ފަންޑުން ޚާއްޞަ އަހައްމިއްޔަތުކަމެއް ދެއްވާކަން ފާހަގަކުރެއްވިއެވެ.
ބައްދަލުވުން ނިންމަވާލައްވާފައިވަނީ ސަޢޫދީ ފަންޑުގެ އެހީގައި ރާއްޖޭގައި ހިންގާފައިވާ މުހިންމު މަޝްރޫޢުތަކާ މެދު މަޝްވަރާކުރައްވައި، ކުރިމަގުގައިވެސް ދެފަރާތުގެ އެއްބާރުލުން އިތުރަށް ފުޅާކުރުމުގެ ޢަޒުމު އައުކުރައްވަމުންނެވެ.
މި ލިޔުން ކިޔާލުމުން



