ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންނަށް ވަޒީފާގެ އެއްބަސްވުމުގެ ދަށުން ދޭންޖެހޭ މުސާރަ ޖަމާކުރަންވާނީ، އެ މުވައްޒަފެއްގެ އަމިއްލަ ނަމުގައި ރާއްޖޭގެ ބޭންކެއްގައި ހުޅުވާފައިވާ އެކައުންޓަކަށް ކަމަށް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީން ހަނދާންކޮށްދީފިއެވެ.
އެ މިނިސްޓްރީން ވިދާޅުވީ، ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދުގެ ދަށުން، ބިދޭސީ މުވައްޒަފުންގެ މުސާރަ ޖަމާކުރަންވާނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) ގައި ރަޖިސްޓަރީކޮށްފައިވާ ނުވަތަ އެ އޮތޯރިޓީން ހުއްދަދީފައިވާ ބޭންކެއްގައި އެ މުވައްޒަފެއްގެ ނަމުގައި ހުޅުވާފައިވާ ބޭންކް އެކައުންޓަކަށް ކަމަށެވެ.
އެހެންކަމުން، ވަޒީފާދޭ ހުރިހާ ފަރާތްތަކުން ވެސް އެ ފަރާތްތަކުގެ ދަށުން މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންގެ ނަމުގައި ވީއެންމެ އަވަހަކަށް ބޭންކް އެކައުންޓް ހުޅުވައި ނިންމެވުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކުރައްވާފައެވެ.
މީގެއިތުރުން، ލޭބަރ ރިލޭޝަންސް އޮތޯރިޓީ (އެލްއާރުއޭ) އިން ތަހުގީގުކުރާ މައްސަލަތަކުގެ ތެރެއިން ބިދޭސީ މުވައްޒަފުންގެ މުސާރައާ ގުޅޭގޮތުން ހުށަހެޅޭ މައްސަލަތަކުގައި، މުވައްޒަފަށް މުސާރަ ދީފައިވާކަމަށް ބެލެވޭނީ، އެމް.އެމް.އޭ ގައި ރަޖިސްޓަރީކޮށްފައިވާ ނުވަތަ ހުއްދަދީފައިވާ ބޭންކެއްގައި ހުޅުވާފައިވާ އެ މުވައްޒަފުގެ އަމިއްލަ އެކައުންޓަށް މުސާރަ ޖަމާކޮށްފައިވާނަމަ އެކަނި ކަމަށްވެސް އެ މިނިސްޓްރީން ވަނީ ފާހަގަކުރައްވާފައެވެ.
މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 1485 އަށް ގުޅުއްވުމަށް ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމަށް ހޯމްލޭންޑް މިނިސްޓްރީން އެދިވަޑައިގަންނަވައެވެ.
މި ލިޔުން ކިޔާލުމުން



