ބިޒްނަސް ވިޒާ އަދި ސްޕެޝަލް ވިޒާގައި ދިވެހިރާއްޖެއަށް އެތެރެވާ ބިދޭސީންނަށް، ރާއްޖޭގައި ތިބެގެން 'ވަރކް ވިޒާ' އަށް ބަދަލުނުވެވޭ ގޮތަށް ސަރުކާރުން ހަމަޖައްސައިފިއެވެ.
މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީން ކޮށްފައިވާ އިޢުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ބަދަލަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ 15 ސެޕްޓެންބަރު 2026 އިން ފެށިގެންނެވެ.
ހޯމްލޭންޑް މިނިސްޓްރީން ވިދާޅުވީ، ބިޒްނަސް ވިޒާއަކީ ވިޔަފާރީގެ އެކި ކަންކަމާ ގުޅިގެން ކުރު މުއްދަތަކަށް ރާއްޖެއިން ބޭރުން ޕްރޮފެޝަނަލް ފަރާތްތައް ގެންނަންޖެހޭ ޙާލަތްތަކުގައި ދޫކުރެވޭ ވިޒާއެއް ކަމަށެވެ. ނަމަވެސް، ބައެއް ވިޔަފާރިތަކުން ވަރކް ޕަރމިޓް ހޯދުމުގެ މަސައްކަތް އަވަސްކުރުމުގެ ބޭނުމުގައި، ނަހަމަ ގޮތުގައި ބިޒްނަސް ވިޒާ ބޭނުންކޮށްގެން ރާއްޖެއަށް މީހުން އެތެރެކުރުމަށްފަހު ވަރކް ވިޒާއަށް ބަދަލުކުރަމުންދާކަން އެ މިނިސްޓްރީއަށް ވަނީ ފާހަގަކުރެވިފައެވެ.
އެހެންކަމުން މި ގެނައި ބަދަލާއެކު، ބިޒްނަސް ވިޒާ އަދި ސްޕެޝަލް ވިޒާގައި ރާއްޖެ އެތެރެވެފައިވާ އެއްވެސް ފަރާތަކަށް ދެން 'އެކްސްޕެޓް ސިސްޓަމް' މެދުވެރިކޮށް ވަރކް ޕަރމިޓަށް އެދި ހުށަނޭޅޭނެ ކަމަށް ވަޒީފާދޭ އެންމެހައި ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި އެ މިނިސްޓްރީން ވަނީ އަންގަވާފައެވެ.
މި ކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން 1485 އަށް ގުޅުއްވުމަށް ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމަށް ހޯމްލޭންޑް މިނިސްޓްރީގެ އިޢުލާނުގައި އެދިވަޑައިގެންފައިވެއެވެ.
މި ލިޔުން ކިޔާލުމުން



