ދިވެހި ސަރުކާރާއި މެލޭޝިޔާ ސަރުކާރާ ދެމެދު އިސްލާމީ ދާއިރާއިން އެހީތެރިކަން ދިނުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކުރައްވައިފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ދިވެހިރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު ރައީސުލްޖުމުހޫރިއްޔާގެ އޮފީހުގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައެވެ.
މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. އަދި މެލޭޝިޔާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މެލޭޝިޔާގެ އިސްލާމީކަންތައްތަކާއި ބެހޭ ވަޒީރު ޑރ. ޛުލްކިފްލި ބިން ހަސަންއެވެ.
މި އެއްބަސްވުމުގެ ދަށުން ޖުމްލަ 7 ދާއިރާއަކުން އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވެއެވެ.
އޭގެ ތެރޭގައި ހިމެނެނީ އިސްލާމީކަންކަމާއި ގުޅޭ ދާއިރާ، ވަޤުފާއި ޙައްޖާއި ގުޅޭ ދާއިރާ، ކީރިތި ޤުރުއާނުގެ ދާއިރާ، މިސްކިތްތަކާއި އިސްލާމީ އާސާރުތައް ރައްކާތެރިކުރުމާއި ގުޅޭ ދާއިރާ، އިސްލާމީ ތަޢުލީމާއި ގުޅޭ ދާއިރާ، އިސްލާމީ ފަލަކީ ދާއިރާ އަދި، ޙަލާލް ސެޓްފިކެޓާއި ގުޅޭ ދާއިރާއިން ދެ ޤައުމުގެ މެދުގައި އެހީތެރިކަން ފޯރުކޮށްދިނުމެވެ.
މި ލިޔުން ކިޔާލުމުން



