ޕޯސްޓު މެދުވެރިކޮށް ވޯޓުލުމަށް އަމާޒުކޮށް ޔޫ.އެސް ޕޯސްޓަލް ސާވިސް (ޔޫއެސްޕީއެސް) އިން އެކުލަވާލި އައު ގަވާއިދަކަށް އަމަލުކުރުމުގެ ހުއްދަ ދިނުމަށް އެމެރިކާގެ ސުޕްރީމް ކޯޓުން ދެކޮޅު ހަދައިފިއެވެ. މިއީ ކުރިއަށް އޮތް މިޑްޓާމް އިންތިޚާބާ ދިމާކޮށް، ޕޯސްޓު މެދުވެރިކޮށް ވޯޓުލުން ހަނިކުރުމަށް ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ކުރައްވަމުން ގެންދެވި މަސައްކަތްތަކަށް ލިބުނު ބޮޑު ނާކާމިޔާބީއެކެވެ.
ސްޓޭޓްތަކާއި ވޯޓުލުމުގެ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ހުށަހެޅި ގާނޫނީ މައްސަލަތައް ނިމެންދެން، އެ ފިޔަވަޅު ތަންފީޒުކުރުން ހުއްޓުވުމަށް ޑިސްޓްރިކްޓް ޖަޖް އިންދިރާ ތަލްވާނީ ނެރުއްވި އަމުރު ބާތިލުކުރުމަށް ޖަސްޓިސް ޑިޕާޓްމަންޓުން އެދުނު އެދުމަށް ސުޕްރީމް ކޯޓުން ވަނީ އިންކާރުކޮށްފައެވެ. ކޯޓުގެ އަމުރުގައި ފާހަގަކޮށްފައިވަނީ ސަރުކާރުން ހުށަހަޅާފައިވާ މައްސަލައިގެ އަސާސްތަކަށް ބަލާއިރު، ސަރުކާރަށް ކާމިޔާބުވުމުގެ ފުރުސަތު ކުޑަ ކަމަށެވެ. މީގެ އިތުރުން ވޮޝިންޓަން ޑީ.ސީ. ގެ ޔޫ.އެސް ޑިސްޓްރިކްޓް ޖަޖް ކާލް ނިކޮލްސް ވެސް ވަނީ މި ގަވާއިދާ ދެކޮޅަށް ހުކުމް ކުރައްވާފައެވެ.
ސުޕްރީމް ކޯޓުގެ މި ނިންމުމާ ދެކޮޅަށް ރައުޔު ނެރުއްވީ ފަނޑިޔާރު ސެމިއުލް އަލީޓޯ އަދި ކްލެރެންސް ތޯމަސް އެކަންޏެވެ. ފަނޑިޔާރު ބްރެޓް ކަވަނޯ ދެއްވި ބަޔާނުގައި ވިދާޅުވީ، މި ގަވާއިދަކީ ޕޯސްޓަލް ސާވިސްގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނިދާނެ ކަމެއް ކަމަށް ބެލެވުނު ނަމަވެސް، ކުރިއަށް އޮތް އިންތިޚާބުގެ ކުރިން އެކަށީގެންވާ ގޮތެއްގައި މިކަން ތަންފީޒުކުރުމަށް އިންތިޚާބީ އޮފިޝަލުންނަށް ފުދޭވަރަށް ވަގުތު ނެތް ކަމަށެވެ.
ޔޫއެސްޕީއެސްގެ ގަވާއިދު ބުނާގޮތުން، ސްޓޭޓްތަކުން ޕޯސްޓު ވޯޓު ކަރުދާސް ލިބޭ މީހުންގެ ލިސްޓު ޕޯސްޓަލް ސާވިސްއަށް ދޭންޖެހޭނެއެވެ. އަދި ޚާއްސަ ބާކޯޑު ޖަހާފައިވާ ސިޓީއުރަ ބޭނުންކުރަން ޖެހޭއިރު، އާ މިންގަނޑުތަކަށް ނުފެތޭ ވޯޓު ކަރުދާސްތައް ފޮނުވުމަށް އިންކާރުކުރުމުގެ ބާރު ޕޯސްޓަލް ސާވިސްއަށް ލިބެއެވެ. ޓްރަމްޕްގެ ސަރުކާރުން މި ގަވާއިދަކީ ވޯޓު އޮޅުވާލުން ހުއްޓުވުމަށް އެކުލަވާލި އެއްޗެއް ކަމަށް ބުނި ނަމަވެސް، އެމެރިކާގައި އެފަދަ އޮޅުވާލުންތަކުގެ ހެކި ފެންނަނީ ވަރަށް މަދުންނެވެ.
މި ނިންމުމަށް މަރުހަބާ ވިދާޅުވަމުން އެމެރިކަން ސިވިލް ލިބަޓީސް ޔޫނިއަންގެ ޑިރެކްޓަރު ސޯފިއާ ލިން ލަކިން ވިދާޅުވީ، ފެޑެރަލް އިންތިޚާބުތަކުގެ ޤަވާއިދުތައް ކަނޑައެޅުމުގެ ބާރު ޤާނޫނުއަސާސީން ދީފައިވަނީ ސްޓޭޓްތަކަށާއި ކޮންގްރެސްއަށް ކަމަށެވެ. އަދި ކެލިފޯނިއާގެ ގަވަރުނަރު ގެވިން ނިއުސަމް ވިދާޅުވީ މިއީ ޑިމޮކްރަސީއަށާއި ޤާނޫނުގެ ވެރިކަމަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށެވެ.
މި ލިޔުން ކިޔާލުމުން



