ސީރިޔާއާއި ރަޝިޔާއާ ދެމެދު މިދިޔަ އޯގަސްޓް މަހު ސޮއިކުރެވުނު އާ އެއްބަސްވުމުގެ ދަށުން، ފުރަތަމަ ފަހަރަށް ރަޝިޔާގެ އުޅަނދުފަހަރުގެ ގާފިލާއަކުން ސީރިޔާގެ ތަރްތޫސް ބަނދަރަށް މުދަލާއި ސާމާނު ވަނީ ފޯރުކޮށްދީފައެވެ.
ސޫރިޔާގެ ހުޅަނގުގައިވާ ތަރްތޫސް ބަނދަރާއި ހްމެއިމީމް އެއާ ބޭސްއަށް ރަޝިޔާއިން މުދަލާއި ސާމާނު ފޯރުކޮށްދިނުން ކުރިއަށްގެންދާކަން ހާމަވަނީ، ހަތަރު އުޅަނދުގެ މައްޗަށް އެކުލެވޭ ގާފިލާއެއް ސެޕްޓެމްބަރު 7 ގައި ތަރްތޫސް ބަނދަރަށް ދިޔުމުންނެވެ. މި އެއްބަސްވުމަށް އާދެވިފައިވަނީ 18 މަސް ދުވަހުގެ މަޝްވަރާތަކަށްފަހު އޯގަސްޓް މަހުގެ ކުރީކޮޅުގައެވެ.
ސޫރިޔާގެ ފޮރިން މިނިސްޓްރީން ބަޔާންކުރި ގޮތުގައި، މި އެއްބަސްވުމުގެ ދަށުން އެ ދެ މަރުކަޒު ގުޅިފައިވާ ތަމްރީނު އަދި ގާބިލުކަން އިތުރުކުރާ މަރުކަޒުތަކަކަށް ބަދަލުވެގެންދާނެއެވެ. އަދި މި ތަންތަނުގެ އާންމު ހިންގުމާ ސޫރިޔާއިން ހަވާލުވާނެ ކަމަށާއި، މި މަރުކަޒުތަކުގެ މުސްތަގުބަލާ ގުޅޭގޮތުން ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިން އަދި ސޫރިޔާގެ ރައީސް އަހްމަދު އަލް-ޝަރައު ވަނީ މަޝްވަރާ ކުރައްވާފައެވެ.
ރޮއިޓާސްއިން ކަށަވަރުކޮށްފައިވާ ސެޓެލައިޓް ފޮޓޯތަކުން ދައްކާ ގޮތުގައި، ހުޅަނގުގެ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާ ރަޝިޔާގެ ކާގޯ އުޅަނދު "ސްޕާޓާ" އާއި ނޭވީ ތެޔޮ އުޅަނދު "އަކަޑެމިކް ޕާޝިން" ވަނީ ތަރްތޫސްގައި ބަނދަރުކޮށްފައެވެ. މީގެ އިތުރުން ޓޭންކަރު "ޖެނެރަލް ސްކޮބެލެވް" ބަނދަރުން ބޭރުގައި އޮތްއިރު، މިއީ ސޫރިޔާގައި ރަޝިޔާގެ އަސްކަރީ ލޮޖިސްޓިކްސް ބަލަހައްޓަމުން އަންނަ އުޅަނދުތަކެކެވެ.
ސޫރިޔާގެ ދާޚިލީ ހަނގުރާމައިގައި ބައްޝާރުލް އަސަދުގެ ވެރިކަން ދެމެހެއްޓުމަށް ރަޝިޔާއިން އެހީތެރިވި ނަމަވެސް، 2024 ގައި އޭނާ ވެރިކަމުން ދުރުކުރުމާ ގުޅިގެން ރަޝިޔާގެ ނުފޫޒު ވަނީ ކުޑަވެފައެވެ. މިހާރު ރަޝިޔާއިން މަސައްކަތް ކުރަމުންދަނީ އެ ސަރަހައްދުގައިވާ އެ ގައުމުގެ އަސްކަރީ ދެ މަރުކަޒު ހިމާޔަތްކުރުމަށް ސޫރިޔާގެ އާ ސަރުކާރާއެކު ގުޅުން ބަދަހިކުރުމަށެވެ. މިއީ މޮސްކޯގެ ހިމާޔަތުގައި ހުންނެވި އަސަދު ހަވާލުކުރުމަށް ސޫރިޔާއިން އެދެމުންދާ ދަނޑިވަޅެއްގައެވެ.
މި ލިޔުން ކިޔާލުމުން



