ދިވެހިރާއްޖޭގެ އިސްލާމީ ޝަޚްޞިއްޔަތު ރައްކާތެރިކޮށް، ކުރިއަށް އޮތް ތަނުގައި ޤައުމުގެ ފިކުރީ ސިކުނޑި ބައްޓަންކުރުމުގައި ޒުވާން ޚަޠީބުން ޢަމަލީ ގޮތުން ނަމޫނާ ދެއްކެވުމަށާއި، ދުލުން ދޭ ނަސޭހަތާއި ޢަމަލީ ސުލޫކު އެއްގޮތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިލްތިމާސް ކުރައްވައިފިއެވެ. އެމަނިކުފާނު މިފަދައިން އިލްތިމާސް ކުރެއްވީ ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބަތާ ގުޅުވައިގެން އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން އެއް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ "ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އިސްލާމީ ދަޢުވަތުގެ މަސްއޫލިއްޔަތު އުފުލުމަށް 700 އަށްވުރެ ގިނަ ތަޢުލީމީ ޒުވާނުން ކުރިއަށް ނުކުމެ، އޭގެ ތެރެއިން 300 އަށްވުރެ ގިނަ ޒުވާނުން މި މަހާސިންތާގައި ބައިވެރިވުމަކީ ދިވެހި އިސްލާމީ ރޫޙަށް ލިބުނު ވަރަށް އާ ބާރެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި އިސްލާމީ އަދި ދިވެހި ތާރީޚަށް ބެލި ކަމުގައި ވިޔަސް ދީން މަތިވެރިކުރުމުގައި އެންމެ ބޮޑު ހަކަތައަކާއި ޖޯޝެއް ފާޅުކޮށްފައިވަނީ ޒުވާނުންކަން ފާހަގަކުރައްވައި، ތާރީޚީ ޒުވާން ޝަޚްޞިއްޔަތުންނާއި ޢިލްމުވެރިން ވެވަޑައިގެންނެވި ބުރަ ޤުރުބާނީތައް އެމަނިކުފާނު ހަނދާންކުރެއްވިއެވެ.
އިސްލާމްދީނުގެ އަސާސަކީ މަޞްލަޙަތާއި އިންސާނީ ކަރާމާތް ނަގަހައްޓައި މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ސުލްޙަވެރިކަން ދެމެހެއްޓުން ކަމަށްވާތީ، ޒުވާން ޚަޠީބުން ތިމާގެ ދުލާއި ގަލަން ހިންގުމުގައި ޙިކްމަތްތެރިކަން އިސްކުރުމަށް ރައީސް އިރުޝާދު ދެއްވިއެވެ. އަދި މިއަދު ފެންނަ ޒުވާން ޚަޠީބުންނަކީ މާދަމާ ރާއްޖޭގެ ކުޅަދާނަ ޢިލްމުވެރީންނާއި ޙިކްމަތްތެރީންނަށް ވެގެންދިއުމަށް އެދިވަޑައިގަންނަވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ 5 ބުރެއް ހިންގައި 700 އަށްވުރެ ގިނަ ޒުވާނުން މިހާތަނަށް ބިނާކުރެވިފައިވާއިރު، މީގެ ސަބަބުން ރަށްރަށުގައި ހުކުރު ޚުޠުބާ ކިޔާނެ އިމާމުން ނުލިބުމުގެ މައްސަލައަށް ވަނީ ބޮޑު ހައްލެއް ލިބިފައެވެ. އަދި މިއީ ކީރިތި ޤުރްއާނުގެ ޢިލްމާއި ދީނީ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ޒުވާނުންނަށް މުސްތަޤުބަލް ބިނާކުރުމަށް ކޮށައިދެވުނު އަލިމަގެއްގެ ގޮތުގައި ސަރުކާރުން ފާހަގަކުރައްވައެވެ.
މި ލިޔުން ކިޔާލުމުން



