ތުރުކީގެ ބޮޑެތި ސިޓީތަކުގައި ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަންތަކެއްގައި އެލްޖީބީޓީކިއު ޖަމާއަތްތަކަށް އަމާޒުކޮށް މަދުވެގެން 60 އަށްވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފައެވެ. އާދީއްތަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި އިސްތަންބޫލް، އަންކާރާ، އިޒްމީރް އަދި މާސިން ފަދަ ސިޓީތަކުގައި ހުރި އެފަދަ ފަރާތްތަކުގެ އޮފީސްތަކާއި އެކްޓިވިސްޓުންގެ ގެތައް ވަނީ ބަލައިފާސްކޮށްފައެވެ. މިއީ ފާއިތުވި ދިހަވަރަކަށް އަހަރު ދުވަހު ތުރުކީން މިފަދަ ގްރޫޕްތަކާ ދެކޮޅަށް ގެންގުޅޭ ސިޔާސަތު އިތުރަށް ހަރުކަށިކުރި ކަމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.
އޭއެފްޕީ އަދި އަނަޑޯލޫ ނިއުސް އެޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، ތުރުކީގެ އަންކާރާ، އިސްތަންބޫލް އަދި އިޒްމީރްގެ ޕްރޮސެކިއުޓަރުންނާ ހަވާލާދީ މަދުވެގެން 63 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
ޖަސްޓިސް މިނިސްޓަރު އަކިން ގުރްލެކް ވިދާޅުވީ، ކުޑަކުދިންނާއި އާއިލީ ނިޒާމު އަދި އިޖުތިމާއީ ހަމަޖެހުން ރައްކާތެރިކުރުމަށްޓަކައި ތުހުމަތުކުރެވޭ 162 މީހުންނާއި، 9 ޖަމިއްޔާ އަދި 13 ވިޔަފާރިއަކާ ދެކޮޅަށް ތަހުގީގު ފަށާފައިވާ ކަމަށެވެ.
މި އޮޕަރޭޝަން އަމާޒުކޮށްފައިވަނީ އެލްޖީބީޓީކިއު އަދި އެޗްއައިވީއަށް ހޭލުންތެރިކުރުމަށް މަސައްކަތްކުރާ ޖަމާއަތްތަކުގެ މެންބަރުންނަށް ކަމަށްވާއިރު، މި އޮޕަރޭޝަންތަކުގެ ކުރިން އެ ޖަމިއްޔާތަކުގެ ވެބްސައިޓްތައް ވަނީ ބްލޮކްކޮށްފައެވެ.
ޖަސްޓިސް މިނިސްޓަރު ގުރްލެކް ވިދާޅުވި ގޮތުގައި 'މައި ފެމިލީ އިޒް ސޭފް' ގެ ނަމުގައި ހިންގި މި އޮޕަރޭޝަންތަކަކީ ތުރުކީގެ އުފަންވާ ރޭޓު ދަށްވަމުންދާތީ އެކަމާ ދެކޮޅަށް ރައީސް އުރުދުޣާން ނެރުއްވި 10 އަހަރުގެ 'ޑެކޭޑް އޮފް ފެމިލީ އެންޑް ޕޮޕިއުލޭޝަން' ގަރާރާ އެއްގޮތަށް، އާއިލާތަކާއި ކުޑަކުދިން ހިމާޔަތްކުރުމަށް ހިންގި އޮޕަރޭޝަނެކެވެ.
އެލްޖީބީޓީކިއު ހައްގުތަކަށް މަސައްކަތްކުރާ 'ކާއޯސް ޖީއެލް' ޖަމިއްޔާއިން ބުނި ގޮތުގައި އެ ޖަމާއަތުގެ ގާތްގަނޑަކަށް 50 މީހަކު ވަނީ ހައްޔަރުކޮށް ނުވަތަ ގާނޫނީ އިޖުރާއަތްތަކުގެ ދަށަށް ގެންގޮސްފައެވެ. މީގެއިތުރުން ކުޑަކުދިންނަށް ފެންނާނެހެން އިންޓަނެޓުގައި ބޭއަދަބީ މެސެޖުތަކެއް ޝާއިއުކުރި ކަމުގެ ތުހުމަތު ވެސް އެ ޖަމިއްޔާގެ މައްޗަށް ވަނީ ކޮށްފައެވެ.
ތުރުކީ ސަރުކާރުން އެލްޖީބީޓީކިއު މުޖުތަމައާ ދެކޮޅަށް ގެންގުޅޭ ސިޔާސަތުތައް ވަރުގަދަކުރަމުންދާތީ ހައްގުތަކަށް މަސައްކަތްކުރާ އެކްޓިވިސްޓުންނާއި ތުރުކީގެ ހިއުމަން ރައިޓްސް އެސޯސިއޭޝަނުން ވަނީ އެއީ ދައުލަތުން ހިންގާ ތަފާތުކުރުމާއި ބިރުދެއްކުމެއް ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ޔޫރަޕިއަން ޕާލަމެންޓުގެ ރެޕަޓުއާ ނާޗޯ ސަންޗޭޒް އަމޯރ ވެސް ވަނީ މިއީ ނުރައްކާތެރި ފިޔަވަޅެއް ކަމަށް ވިދާޅުވެ މިކަން ކުށްވެރިކުރައްވާފައެވެ.
ވެރިކަންކުރާ އޭކޭ ޕާޓީން 2015 ވަނަ އަހަރު އިސްތަންބޫލް ޕްރައިޑް ރެލީ ބޭއްވުން މަނާކުރި ފަހުން، އެފަދަ ހަރަކާތްތައް ބޭއްވުމަށް ކުރެވޭ މަސައްކަތްތައް ތުރުކީގެ ކަމާބެހޭ ފަރާތްތަކުން ދަނީ ބާރުގެ ބޭނުންކޮށްގެން ހުއްޓުވަމުންނެވެ.
މި ލިޔުން ކިޔާލުމުން



