ރަތްކަނޑަށް ގުޅާފައިވާ ސަޢޫދީ ޢަރަބިއްޔާގެ މައި ތެޔޮ ހޮޅިން ތެޔޮ ފޮނުވުން އަލުން ނުފެށިއްޖެނަމަ، އެކްސްޕޯޓްކުރާ ތެލުގެ ސްޓޮކް ހުސްވެ، ދުނިޔޭގެ ތެލުގެ ސަޕްލައިގެ 4 އިންސައްތައާ ހަމައަށް ގެއްލުންވެދާނެ ކަމަށް ވިޔަފާރިވެރިން އިންޒާރު ދީފިއެވެ. ޑްރޯން ޙަމަލާތަކަކާ ގުޅިގެން މި ތެޔޮ ހޮޅި ބަންދުކުރަން ޖެހުނުއިރު، ލިބުނު ގެއްލުމުގެ ތަފްޞީލެއް ސަޢޫދީ ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، މަރާމާތަށް 5 އާއި 6 ހަފްތާ ދެމެދުގެ މުއްދަތެއް ނަގާނެ ކަމަށް ލަފާކުރެވޭއިރު، މަރާމާތު ކުރިއަށްދާ ވަރަކުން ވަކި މިންވަރަކަށް ތެޔޮ ޕަމްޕު ކުރެވިދާނެ ކަމަށް މަސްދަރުތަކުން ބުނެއެވެ.
ދުވާލަކު ގާތްގަނޑަކަށް 4 މިލިއަން ފީފާ ތެޔޮ ރަތްކަނޑުގެ ޔަންބޫ ބަނދަރަށް ފޮނުވަން ސަޢޫދީން ބޭނުންކުރާ ތެޔޮ ހޮޅި ބަންދުވުމާ ގުޅިގެން، ޔަންބޫ ބަނދަރުގައި މިހާރު ހުރީ 5 އާއި 7 ދުވަހާ ދެމެދުގެ މުއްދަތަކަށް ފުދޭވަރުގެ ތެލެވެ. އަދި މިސްރުގެ އައިން ސުޚްނާ އާއި ސިދީ ކެރީރު ބަނދަރުގައި ހުރި ސްޓޮކްތައް ވެސް ވަރަށް އަވަހަށް ހުސްވެދާނެ ކަމަށް ބެލެވެއެވެ.
ސަޢޫދީން ތެޔޮ ފޯރުކޮށްދޭ މިންވަރު ދަށްވުމުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަރަށް ބޮޑަށް އުފުލި، އިންފްލޭޝަން މަތިވެ، އެމެރިކާގެ ބޮންޑް ޔީލްޑްސް ވަނީ 2008 ގެ މާލީ ކާރިސާއަށްފަހު އެންމެ މަތީ މިންވަރަށް އަރާފައެވެ.
ހޮރުމުޒު އަދި ރަތްކަނޑު މަގުން ތެޔޮ ފޮނުވާ މިންވަރު މަދުވުމުގެ ސަބަބުން، މިއަހަރު ދުނިޔޭގެ ތެލުގެ ސަޕްލައި ދުވާލަކު 5.7 މިލިއަން ފީފާއަށް ދަށަށްދާނެ ކަމަށް އައިއީއޭއިން ބުނެފައިވާއިރު، ހޫޘީންގެ ޙަރަކާތްތަކުގެ ސަބަބުން ކަނޑުދަތުރުފަތުރަށް ވަނީ އިތުރު ނުތަނަވަސްކަން ކުރިމަތިވެފައެވެ.
ސަޢޫދީން ތެޔޮ އުފައްދާ މިންވަރު ދުވާލަކު 10.9 މިލިއަން ފީފާއިން 6.2 މިލިއަން ފީފާއަށް ދަށްވެފައިވާއިރު، ހޮރުމުޒު ކަނޑުއޮޅިން ދަތުރުކުރާ ތެލުގެ މިންވަރު ވެސް ވަނީ ކުރިން ދުވާލަކު 22 މިލިއަން ފީފާގައި އޮތުމަށްފަހު، މިހާރު 6 އާއި 9 މިލިއަން ފީފާއާ ދެމެދުގެ މިންވަރަކަށް ދަށްވެފައެވެ.
މި ލިޔުން ކިޔާލުމުން



