ޔަމަނުގެ ރަތްކަނޑުގެ އައްސޭރިފަށާއި މުހިންމު ސްޓްރެޓެޖިކް ރަށްތަކުގެ ކޮންޓްރޯލް ހޫޘީންގެ ދަށަށް ދިއުމާ ގުޅިގެން، މެދުއިރުމަތީގެ ބާރުތަކުގެ ހަމަހަމަކަމަށް ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފައެވެ. މިކަމުގެ ސަބަބުން ސަޢޫދީ ޢަރަބިއްޔާ އާއި ގަލްފުގެ ޤައުމުތަކަށް ވަނީ ސިޔާސީ ގޮތުންނާއި ސަލާމަތީ ގޮތުން ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައެވެ.
ދުނިޔޭގެ ވިޔަފާރިއާއި ތެލުގެ ދަތުރުފަތުރަށް ނުހަނު މުހިންމު ދެ ސަރަޙައްދު ކަމުގައިވާ ބާބުލް މަންދަބާއި ހޮރުމުޒު ކަނޑުއޮޅީގެ މައްޗަށް އީރާނުގެ ނުފޫޒު ވަރުގަދަވުމަކީ، މުޅި ސަރަޙައްދީ ސިޔާސަތަށް ބޮޑެތި ލޮޅުންތަކެއް އަރުވާފައިވާ މައިގަނޑު ސަބަބެކެވެ.
ބާބުލް މަންދަބު ސަރަޙައްދުގައި ހޫޘީންގެ ބާރުގަދަވުމަކީ، ގަލްފުގެ ޤައުމުތަކަށް ޕްރެޝަރު ކުރުމަށް އީރާނަށް ލިބުނު ފުރުޞަތެކެވެ. މީގެ ސަބަބުން ހޮރުމުޒު ކަނޑުއޮޅި ފިޔަވައި ސަޢޫދީ ޢަރަބިއްޔާއިން ރަތްކަނޑު މެދުވެރިކޮށް ތެޔޮ އެކްސްޕޯޓްކުރުމަށް ކުރާ މަސައްކަތްތަކަށާއި ތެޔޮ ހޮޅިލައިންތަކަށް ވަނީ ސީދާ ނުރައްކާތަކާ ކުރިމަތިވެފައެވެ.
ތަޙުލީލުވެރިން ދެކޭގޮތުގައި، މި ޢަމަލުތަކުގެ މައިގަނޑު މަޤްޞަދަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލައި އިންފްލޭޝަން މަތިކުރުމެވެ. ހަމައެއާއެކު، މި މައްސަލަތައް ޙައްލުކުރުމުގައި ސަރަޙައްދީ ޤައުމުތަކުން އެމެރިކާއަށް އެކަނި ބަރޯސާވުމުގެ ފުރުޞަތު ވަނީ ވަރަށް ބޮޑަށް ހަނިވެފައެވެ.
ހޮރުމުޒު ކަނޑުއޮޅިން ދަތުރުފަތުރު ކުރުން ބެލެހެއްޓުމަށް ވަގުތީ އޮނިގަނޑެއް އެކުލަވާލުމަށްޓަކައި އީރާނާއި ގަލްފުގެ ޚާރިޖީ ވަޒީރުންގެ މެދުގައި އޮމާނުގެ ޞަލާލާގައި ބޭއްވުމަށް ހަމަޖެހިފައި އޮތް ބައްދަލުވުން ވަނީ ފަސްކުރެވިފައެވެ.
އޮމާނުގެ ޚާރިޖީ ވަޒީރު ވިދާޅުވި ގޮތުގައި މި ބައްދަލުވުން ފަސްކުރެވުނީ އިއްތިފާޤަކަށް ވާޞިލުވުމުގެ މަސްލަޙަތުގައެވެ. މަޝްވަރާތަކުގެ ޝަރުޠުތަކާމެދު ޚިޔާލުތަފާތުވުންތަކެއް ހުރި ނަމަވެސް، ސަރަޙައްދީ ހަމަޖެހުމަށްޓަކައި މިފަދަ މަޝްވަރާތައް ކުރިއަށް ގެންދިއުމުގެ މަސައްކަތް ޤައުމުތަކުން ދަނީ ކުރަމުންނެވެ.
ހޫޘީންނަށް ޙަމަލާދިނުމަށް ސަޢޫދީން އެދުނު އެދުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެކޮޅު ހެއްދެވުމާއި އިޤްތިޞާދީ ގެއްލުންތައް ބޮޑުވުމުގެ ސަބަބުން، ތެހެރާނާއެކު މަޝްވަރާކުރުމަކީ އަމިއްލަ ދިފާޢަށް ކޮންމެހެން މުހިންމު ކަމެއްގެ ގޮތުގައި ގަލްފުގެ ޤައުމުތަކުން މިހާރު ދެކެއެވެ.
ހަކަތައާއި ވިޔަފާރީގެ މައި މަގުތަކުގައި އީރާނުގެ ބާރު އޮތުމާއެކު، ވޮޝިންގޓަނަށް އެކަނި ބަރޯސާނުވެ، އަމިއްލަ މަޞްލަޙަތު ރައްކާތެރިކުރުމަށް އީރާނާއެކު ޑިޕްލޮމެޓިކް ގުޅުންތައް ބަދަހިކުރަން ގަލްފުގެ ޤައުމުތަކަށް ވަނީ މަޖުބޫރުވެފައެވެ. މިއީ މެދުއިރުމަތީގެ ސިޔާސީ މަސްރަޙަށް އަންނަމުންދާ ބޮޑު ބަދަލެކެވެ.
މި ލިޔުން ކިޔާލުމުން



