އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ރަނގަޅަށް މެނޭޖް ނުކުރެވިއްޖެނަމަ އެއީ ނުރައްކާތެރި އެއްޗަކަށް ވެދާނެ ކަމުގެ އިންޒާރު އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ ވަނީ ދެއްވާފައެވެ.
މި މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި އެކަށީގެންވާ ސިޔާސަތުތަކާއި ހިންގުމުގެ އެޖެންޑާތައް އެކުލަވާލުމަށް އޮބާމާ ޑިމޮކްރެޓުންނަށް ގޮވާލައްވާފައިވާ ކަމަށް ނިއުޔޯކް ޓައިމްސް އިން ވަނީ ރިޕޯޓްކޮށްފައެވެ.
އޮބާމާ މި މޭރުމުން ވާހަކަފުޅު ދައްކަވާފައިވަނީ ފަންޑްރެއިޒިންގ އަމިއްލަ ހަފުލާއެއްގައެވެ. އެމަނިކުފާނު ވިދާޅުވީ، "މިއީ އަމިއްލަ ފަރާތްތަކުގެ ބާރުގެ ދަށުގައި ވަރަށް ބާރަށް ކުރިއަރަމުން އަންނަ ކަމެއް، އަދި އަޅުގަނޑުމެން މިކަން ކޮންޓްރޯލް ނުކޮށްފިނަމަ، މިއީ ނުރައްކާތެރި އެއްޗަކަށް ވެދާނެ ކަމަށް އަޅުގަނޑު ދެކެން،" ކަމަށެވެ. މީގެއިތުރުން، މިޑްޓާމް އިންތިޚާބުގައި ހައުސްގެ އަޣުލަބިއްޔަތު ލިބިއްޖެނަމަ އޭއައިގެ ސިޔާސަތުތަކާ ގުޅޭގޮތުން އާންމު މަޝްވަރާތައް ބައްޓަންކުރުމަށް ހައުސްގެ މައިނޯރިޓީ ލީޑަރު ހަކީމް ޖެފްރީސްއަށް ވެސް އޮބާމާ ވަނީ ހިތްވަރު ދެއްވާފައެވެ.
2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން، އޭއައިއާ ގުޅިފައިވާ ރައްކާތެރިކަމާއި އިގްތިސާދީ ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމަށް ސާފު ޕްލޭނަކާއެކު މި މައްސަލައަކީ މައިގަނޑު އެޖެންޑާއަކަށް ހެއްދެވުމަށްވެސް ބަރަކް އޮބާމާ ވަނީ ގޮވާލައްވާފައެވެ.
އޭއައިގެ ހަލުވި ކުރިއެރުމުގެ ސަބަބުން އިންސާނީ ދަރިފަސްކޮޅު ނެތިގެން ހިނގައިދާނެ ކަމުގެ އިންޒާރު އެންތްރޮޕިކްގެ ދިރާސާވެރިން ދިނުމާއި، އޭއައި އެޖެންޓުން އަމިއްލައަށް ހެކް ކުރުމުގެ މަސައްކަތްތަކެއް ކޮށްފައިވާތީ މި ދާއިރާގެ ނުރައްކާތަކާ މެދު ވަނީ ކަންބޮޑުވުން އުފެދިފައެވެ.
މިފަދަ ކަންބޮޑުވުންތަކާ ގުޅިގެން، އޭއައި މޮޑެލްތަކުގެ ގާބިލުކަން އިތުރުކުރުން މަޑުޖައްސާލުމަށް އެންތްރޮޕިކްގެ ސީއީއޯ ޑާރިއޯ އަމޯޑޭއީ ގޮވާލެއްވި ގޮވާލެއްވުމަށް އޯޕަންއޭއައިގެ ސީއީއޯ ސޭމް އޯލްޓްމަން އަދި އެކްސްއޭއައި ހިންގަވާ އީލޮން މަސްކް ވެސް ވަނީ ތާއީދުކުރައްވާފައެވެ.
މި ލިޔުން ކިޔާލުމުން



