އދ. އަށް މިޔަންމާއިން ކަނޑައަޅާފައި ހުންނަ ދާއިމީ މަންދޫބު ކިޔޯ މޯ ޓުން "ޣައިރު ގާނޫނީ ހަރަކާތްތަކެއް" ހިންގަމުންދާ ކަމަށް ބުނެ، އޭނާގެ ހައިސިއްޔަތު ބާތިލުކޮށް އަނބުރާ ގެންގޮސްފައިވާ ކަމަށް މިޔަންމާގެ އަސްކަރިއްޔާއިން ތާއީދުކުރާ ސަރުކާރުން އާދީއްތަ ދުވަހު ހާމަކޮށްފިއެވެ. ދައުލަތުގެ މީޑިއާއިން އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ، އިރުޝާދުތަކަށް އަމަލުނުކުރުމުގެ ސަބަބުން 27 ފެބުރުވަރީ 2021 ގައި އޭނާ ސިވިލް ސާވިސްގެ ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ.
ކިޔޯ މޯ ޓުން އދ. ގެ މަންދޫބުގެ މަގާމަށް އައްޔަންކުރީ އަންގް ސަން ސޫ ޗީގެ ސަރުކާރުން ނަމަވެސް، 2021 ވަނަ އަހަރު ގެނައި އަސްކަރީ ބަޣާވާތަށްފަހު އޭނާ ވަނީ ބަޣާވާތް ބަލައިނުގަތުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލައްވާފައެވެ.
އެ ބަޣާވާތަކީ މުޅި މިޔަންމާގައި ދާޚިލީ ހަނގުރާމައެއް ފެށުމަށް މެދުވެރިވި ސަބަބު ކަމުގައިވާއިރު، އޭނާ އދ. ގައި ވަނީ މިކަމާ ދެކޮޅަށް ޖަޒުބާތީ އިލްތިމާސެއް ކުރައްވާފައެވެ.
ކިޔޯ މޯ ޓުންގެ ހައިސިއްޔަތަށް މިހާތަނަށް ބަދަލެއް ނައިސް އޮތީ، މިޔަންމާ ތަމްސީލުކުރުމާ މެދު ގޮތެއް ނިންމުން އދ. ގެ ކްރެޑެންޝަލްސް ކޮމިޓީން ފަސްކޮށްފައި ވާތީއެވެ.
މި މަހުގެ ފަހުކޮޅު ނިއުޔޯކުގައި ބާއްވާ އދ. ގެ އާންމު މަޖިލީހަށް ފަހު ކްރެޑެންޝަލްސް ކޮމިޓީ ބައްދަލުވާނެ ކަމަށް ބެލެވޭއިރު، އެ ބައްދަލުވުމުގައި ޤައުމު ތަމްސީލުކުރުމާ ގުޅޭގޮތުން އުފެދިފައިވާ މައްސަލަތަކާ މެދު މަޝްވަރާ ކުރެވޭނެއެވެ.
ޑިމޮކްރަސީއަށް ތާއީދުކުރާ ޖަމާއަތްތަކާއި އިދިކޮޅު ނެޝަނަލް ޔުނިޓީ ގަވަރމަންޓް (އެންޔޫޖީ) އިން ބައިނަލްއަގުވާމީ ފެންވަރުގައި ވަކާލާތުކޮށް ލޮބީކޮށްގެން ކިޔޯ މޯ ޓުން މަގާމުގައި ދެމިހުރުމަށް މަސައްކަތް ކުރަމުންދާއިރު، އަސްކަރިއްޔާއިން އޭނާގެ މައްޗަށް ތުހުމަތު ކުރަނީ އެންޔޫޖީއާ ގުޅިގެން ދައުލަތުގެ މުދަލާއި ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ ކަމަށެވެ.
މިޔަންމާ ސަރުކާރުން ހާމަކުރި ގޮތުގައި، ކިޔޯ މޯ ޓުންއާ ދެކޮޅަށް ޤާނޫނީ ފިޔަވަޅު އެޅުމަށްޓަކައި އިންޓަޕޯލް އަދި އެމެރިކާގެ ކަމާބެހޭ އިދާރާތަކާއި ޑިޕްލޮމެޓިކް ވަސީލަތްތައް މެދުވެރިކޮށް މިހާރު ވަނީ މަސައްކަތް ފަށާފައެވެ.
މި ލިޔުން ކިޔާލުމުން



